އިސްރޭލުން ވެރިވެގަނެފައިވާ ހުޅަނގުއައްސޭރީގެ ބިންތަކުގައި އެ ޤައުމުން އާބާދުވުމުގެ ފުރުސަތު ނުދެއްވާނެކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިފަދައިން ވިދާޅުވީ އިސްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އ.ދ ގެ އާންމު މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް އެމެރިކާއަށް ވަޑައިގަތުމުގެ ކުރިން ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
”ހުޅަނގުއައްސޭރި އިސްރޭލްގެ ބަޔަކަށް ހެދުމުގެ ހުއްދައެއް އަހަރެން ނުދޭނަން. އެކަމެއް ނުވާނެ،“ ޓްރަމްޕް ވިދާޅުވި އެވެ.
އިސްރޭލުން ހުޅަނގުއައްސޭރި ބައިކުރުމުގެ މަސައްކަތް ހުއްޓުވުމަށް އެޅުއްވުމަށް ރޭއްވެވި ފިޔަވަޅުތަކާ ގުޅޭގޮތުން ނަތަންޔާހޫއާ މަޝްވަރާ ކުރެއްވިތޯ ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ސާފު ޖަވާބެއް ދެއްވާފައެއްނުވެ އެވެ. ނަމަވެސް އެކަން ހުއްޓުއްވާނެ ކަމަށް ވަތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.
”އަހަރެން އޭނާއާ ވާހަކަ ދެއްކި ނަމަވެސް ނުދެއްކި ނަމަވެސް، އިސްރޭލުން ހުޅަނގުއައްސޭރި ބައިކުރުމަށް އަހަރެން ހުއްދައެއް ނުދޭނަން. ފުދޭވަރަށް ވެއްޖެ. މިހާރު ހުއްޓާލަންވީ،“ އެމެރިކާގެ ރައީސް ވިދާޅުވި އެވެ.
އިސްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ ސަރުކާރުން އަންނަނީ ހުޅުނގުއައްސޭރި އެ ޤައުމުގެ ބައެއްގެ ގޮތުގައި ހަދައި، އެ ތަނުގައި އިސްރާއީީލްގެ ރައްޔިތުން އާބާދުކުރުމުގެ މަސައްކަތް ފަށާނެކަމަށް ބުނަމުންނެވެ. އަދި ހުޅުނގުގެ ގިނަ ޤައުމުތަކަކުން ފަލަސްތީންގެ މިނިވަން ދައުލަތް ބަލައިގަތުމަށް ނިންމުމާއެކު، އެ މަސައްކަތް ހަލުވިކޮށް، ހުޅަނގު އައްސޭރި ދެބައިކުރާނެކަމުގެ އިންޒާރުވެސް ދީފައިވެެ އެވެ.
