ސީރިޔާގެ ރައީސް އެމެރިކާގެ ރައީސް ޓްރަމްޕްއާ ބައްދަލުކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ސީރިޔާގެ ރައީސް އަހްމަދު އަލް-ޝަރާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ހޯމަ ދުވަހު ވައިޓް ހައުސްގަ އެވެ. މީގެ ހަ މަސްކުރިން ސީރިޔާގެ ރައީސް އަލް-ޝަރާ އަދި އެމެރިކާގެ ރައީސް ޓްރަމްޕް ސައުދިއަރަބިއްޔާގައިވެސް ބައްދަލުކުރައްވާފައިވެ އެވެ.

ހޯމަ ދުވަހު ވައިޓް ހައުސްގައި ގާތްގަނޑަކަށް ދެ ގަޑިއިރަށް ކުރިއަށްގެންދިޔަ ބައްދަލުވުމަށްފަހު ދެ ރައީސުން މީޑިއާއާ ބައްދަލުކޮށްފައެއް ނުވެ އެވެ. އަދި ބައްދަލުކުރެއްވުމަށްފަހު ސީރިޔާގެ ރައީސް އަލް-ޝަރާ ވަނީ ވައިޓް ހައުސް ދޫކުރައްވާ ވަޑައިގަންނަވާފަ އެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ޓްރަމްޕް ފަހުން ވިދާޅުވެފައިވަނީ އަލް-ޝަރާ އަކީ ވަރުގަދަ ފަރާތެއް ކަމަށާއި އަލް-ޝަރާއާ ގުޅިގެން އެމެރިކާއިން ސީރިޔާއަކީ ކާމިޔާބު ތަނަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ބައްދަލުކުރެއްވުމަށްފަހު އެމެރިކާގެ އިސް އޮފިޝަލަކުވަނީ، ޓެރަރިސްޓް ޖަމާއަތް އައިސިސްއާ ދެކޮޅު ކޯލިޝަންގައި ސީރިޔާއިން ބައިވެރިވާނެކަން ރަސްމީކޮށް ހާމަކޮށްފައިވާކަން ބޭރުގެ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. އަދި އެ އޮފިޝަލާ ހަވާލާދީ ބޭރު މީޑިއާތަކުން ވަނި އެމެރިކާގައި ސީރިޔާގެ އެމްބަސީ އަލުން ހުޅުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމާއި އަދި މިއީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް އަދި ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށް އިގްތިސާދީ ކުރިއެރުން ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމަށް އަޅާ ފިޔަވަޅެއްކަންވެސް ހާމަކޮށްފަ އެވެ.

އެމެރިކާގެ ރައީސް އަދި ސީރިޔާގެ ރައީސް ބައްދަލުކުރެއްވުން

މީގެއިތުރުން އެމެރިކާއިން ވަނީ ސީރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރު 180 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމެންޓުން ބުނެފައިވަނީ، އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް އުވާލުމުން ސީރިޔާގެ އިގްތިސާދު ކޮޅަށްޖެހުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.

ސީރިޔާގެ ރައީސް އަހްމަދު އަލް-ޝަރާއަކީ މީގެކުރިން އެމެރިކާއިން ޓެރަރިސްޓެއް ކަމަށް ކަނޑައަޅާ، އޭނާގެ ބޮލަށް 10 މިލިއަން ޑޮލަރުގެ ބައުންޓީއެއް ކަނޑައަޅާފައިވާ ފަރާތެކެވެ. ޓެރަރިސްޓް ޖަމާއަތް އަލް-ޤައިދާގެ ކޮމާންޑަރެއްގެ ގޮތުގައި މީގެކުރިން ހުރި އަލް-ޝަރާ ސީރިޔާގެ ވެރިކަމާ ހަވާލުވެފައިވީ، ސީރިޔާގެ އޭރުގެ ރައީސް ބައްޝާރުލް އައްސަދު ވެރިކަމުން ގަދަކަމުން ދުރުކޮށް އައްސަދު ގައުމު ދޫކޮށް ފިލުމުން މިދިޔަ ޑިސެމްބަރު މަހު އެވެ.

އެމެރިކާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސީރިޔާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ