މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިޢުލާންކުރައްވައިފި އެވެ.
މި ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާއިން ފެށިގެންނެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، ”ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104“ މިނަމުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގަ އެވެ.
ރައީސް ވިދާޅުވީ ގައުމީ ތަރައްގީގެ އަމާޒުގެ ދަށުން ހުރިހާ އަތޮޅުތަކަށް ވަޑައިގެން ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީ، އަދި އަތޮޅުތަކުގެ އިސް ހިންގުންތެރިންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުންތަކަކީ ވަރަށްވެސް ކާމިޔާބު، ނަތީޖާ ފެނިގެންދިޔަ ބައްދަލުކުރެއްވުންތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަތޮޅުތަކުގައި ބޭއްވި ބައްދަލުވުންތައް ކުރިއަށް ގެންދެވުނު ފަދައިން، މާލޭ ސަރަހައްދުގައި ވެސް މިފަދަ ބައްދަލުވުންތަކެއް އަންނަ ހަފުތާއިން ފެށިގެން ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މި ބައްދަލުވުންތަކުގައި މާލޭގެ ހަތަރު އަވަށާއި، ވިލިނގިލި، އަދި ހުޅުމާލޭގެ ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއެކު މަޝްވަރާ ކުރައްވާނެ އެވެ.
”އޭރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި މާލޭ ރަށްވެހިންނަށް ފުރުސަތު ލިބޭނެ އެ އަވަށެއްގެ ބައްދަލުވުމަށް ވަޑައިގެން އަޅުގަނޑާ އެކީގައި އެ ބޭފުޅުން ބޭނުންވާ ކަންކަން ހިއްސާކޮށް، މަޝްވަރާކޮށް، އެ ބޭފުޅުންގެ ހިޔާލުތައް ދޭން،“
މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި، އަންހެނުންނާއި ޒުވާނުން އިސްވެ ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށް ވެސް ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، މާލޭގައި ކަންކަން ރަނގަޅަށް ނުދާ މައްސަލަތައް އެކި ފަރާތްތަކުން އެ މަނިކުފާނާ ހިއްސާ ކުރަމުން ގެންދާ ކަަމަށެވެ. އެހެންކަމުން، މީގެ ކުރިން ވެސް އަމަލުކުރި ގޮތަށް ސަރުކާރާއި މާލޭގެ ރައްޔިތުން ގުޅިގެން ކަންކަން ފަހިކުރުމުގެ މަސައްކަތްތަކެއް ކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު އަބަދުވެސް ގައުމުގެ ކަންކަން ކުރިއަށް ގެންދަވަނީ މަޝްވަރާ ކުރައްވައިގެން ކަމަށާއި، ރަށްރަށަށް ވަޑައިގަންނަވަނީ ވެސް އެ ބޭނުމުގައި ކަމަށެވެ.
”އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާއަކަށް ވާނީ މަޝްވަރާ ކުރެވިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން މާލޭގައި ވެސް ވުން،“
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިންގެރާއްޖެ731
