އައިވީއެފް ހެދުމަށް އެހީއަށް އެދުމަށް ބުރާސްފަތި ދުވަހު ހުޅުވާލަނީ

Advertisement

އެންމެ ފަސް

Advertisement

އިން ވިޓްރޯ ފާޓަލައިޒޭޝަން (އައިވީއެފް) ގެ ފަރުވާ އާސަންދައިން ހިލޭ ހޯދުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހު އަނެއްކާވެސް ހުޅުވާލާނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.

އެންސްޕާއިން ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން، މި އަހަރު އައިވީއެފް ހެދުމަށް ދައުލަތުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިންނަށެވެ.

މި އެހީއަށް އެދުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހު ހުޅުވާލާއިރު، އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަނޑި އަކީ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުގެ 14:00 އެވެ. އެހީއަށް އެދި ހުށަހަޅަން ޖެހޭނީ ވަން ގަވް އެމްވީ ޕޯޓަލް މެދުވެރިކޮށެވެ. އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލުގައި، ހިދުމަތް ދެވޭނެ މީހުންނާއި ޝަރުތުތައް ވަނީ ބަޔާންކޮށްފަ އެވެ.

މި އުސޫލުގައިވާ ގޮތުން، މި އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް މީލާދީ ގޮތުން ތިން އަހަރުވެފައިވުން ލާޒިމު އެވެ. މީގެ އިތުރުން، ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސް އަޅާ ސިއްހީ ސަބަބެއް ކުރިމަތިވެފައިވުން ނުވަތަ ދަރިމައިނުވާ ސަބަބު ދެނެނުގަނެވި ދަރިމައިވުމަށް ނުކުޅެދިފައިވާތާ ތިން އަހަރުވެފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ. އެންމެ މުހިންމު އެއް ޝަރުތަކީ، ދަރިމައިވުމުގެ އެހެނިހެން ފަރުވާތައް ކާމިޔާބުނުވެ، އައިވީއެފް ނުވަތަ އައިޔޫއައު އަކީ އެންމެ އެކަށީގެންވާ ފަރުވާކަމަށް އެކަމާ ގުޅޭ ސްޕެޝަލިސްޓަކު ލަފާދީފައިވުން އެވެ.

އުސޫލުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، އެ ހިދުމަތަށް އެ އަހަރެއްގައި ހަރަދުވާނެ މިންވަރު ސްކީމް ބޯޑުން ހިމަނަންވާނެ އެވެ. އަދި އެ ބަޖެޓަށް ރިއާޔަތްކޮށް އެހީ ފޯރުކޮށްދޭނެ މީހުންގެ އަދަދާއި އެހީއަށް އެދި ހުށަހަޅަން ހުޅުވާލާ މުއްދަތު ވެސް ކަނޑައަޅާނީ ސްކީމް ބޯޑުންނެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އައިވީއެފް ހެދުމަށް މިދިޔަ އަހަރުގެ ފުރަތަމަ ބުރުގައި ޖުމްލަ 153 މީހަކު ހުށަހެޅި އެވެ. ނަމަވެސް، އުސޫލުގައިވާ ޝަރުތުތަކަށް ފުރިހަމައަށް ފެތި ޝަރުތު ހަމަވެފައިވަނީ އެންމެ 37 ދެމަފިރިންގެ އެވެ. މި އަހަރު 50 ދެމަފިރިންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު، މި ފުރުސަތުގެ ބޭނުން ހިފުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެންސްޕާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އާސަންދަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ