އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕްގެ ވިޔަފާރި ކުންފުނި، ދަ ޓްރަމްޕް އޮގަނައިޒޭޝަނާއި ލަގްޒަރީ ރިއަލް އެސްޓޭޓް ޑިވެލޮޕަރ، ދާ ގްލޯބަލް ގުޅިގެން ރާއްޖޭގައި އަލްޓްރާ ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރުމަށް ނިންމައިފި އެވެ.
މިކަން އިއުލާނުކޮށް ޓްރަމްޕް އޮގަނައިޒޭޝަނުން ނެރުނު ބަޔާނުގައި ވަނީ ”ޓްރަމްޕް އިންޓަރނޭޝަނަލް ހޮޓެލް މޯލްޑިވްސް“ ގެ ނަމުގައި ކުރިއަށްގެންދާ މަޝްރޫއުއާ ގުޅޭ ދެ ކަމެއް އިއުލާނުކޮށްފަ އެވެ. އެ ދެ ކަމަކީ ރާއްޖޭގައި ޓްރަމްޕް ބްރޭންޑުގެ ފުރަތަމަ ހޮޓާ ތައާރަފްކުރުމާއި، ދުނިޔޭގައި ފުރަތަމަ ފަހަރަށް ހޮޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ”ޓޯކަނައިޒް“ ކުރުމެވެ.
މާލެއިން ސްޕީޑްބޯޓުގައި އެންމެ 25 މިނެޓުން ދެވޭ ހިސާބެއްގައި ތަރައްގީކުރާ މި ރިސޯޓުގެ ހުޅުވުމަށް ލަފާކޮށްފައިވަނީ 2028 ވަނަ އަހަރު އެވެ. މި ރިސޯޓުގައި 80 އަލްޓްރާ-ލަގްޒަރީ ބީޗް ވިލާ އާއި، ފެނުމަތީ ވިލާ ހިމެނޭނެ ކަމަށް ޓްރަމްޕް އޮގަނައިޒޭޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިތަން ފަރުމާކުރެވިފައިވަނީ، އެންމެ މަތީ ދަރަޖައިގެ ޕްރައިވެސީ، ޚާއްސަކަން، އަދި ފުރިހަމަކަން ބޭނުންވާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކަމަށްވެސް ބުނެފައިވެ އެވެ.
މި މަޝްރޫއުއާ ގުޅޭގޮތުން ޓްރަމްޕް އޯގަނައިޒޭޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް، އެރިކް ޓްރަމްޕް ބުނެފައިވަނީ، ދާ ގްލޯބަލް އާ ގުޅިގެން ޓްރަމްޕް ބްރޭންޑު ރާއްޖެއަށް ގެނެވޭތީ އުފާކުރާ ކަމަށެވެ. މީގެއިތުރުން ދާ ގްލޯބަލްގެ ސީއީއޯ، ޒިއާދު އަލް ޝާރ މި އިންވެސްޓްމެންޓާއި ގުޅޭގޮތުން ބުނެފައިވަނީ، ޓްރަމްޕް އިންޓަރނޭޝަނަލް ހޮޓެލް މޯލްޑިވްސް ތަރައްޤީކުރުމުގެ މަސައްކަތް ޓޯކަނައިޒް ކުރުމަކީ، ލަގްޒަރީ އީޖާދާއި، ޓެކްނޮލޮޖީ އެއްކޮށްލައި، ހޮސްޕިޓަލިޓީ ދާއިރާއަށް ދުނިޔެ އިންވެސްޓްކުރާ ގޮތް ބަދަލުކޮށްލާނެ ދުނިޔޭގެ ފެންވަރުގެ މަސައްކަތަކަށް ވާނެ ކަމަށެވެ.
