ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަަރ ޒަމީރު ވިދާޅުވީ ކުރީ ސަރުކާރުތަކާއި ހިލާފަށް ޓެކްތައް ބޮޑުކުރުމުގެ ބަދަލުގައި ޓެކްސް ދައްކާނެ ވިޔަފާރިތައް އުފައްދައިގެން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޓެކްސް ބޮޑުނުކޮށް އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަންކަމުގެ ތެރޭގައި އާ އިންވެސްޓްމަންޓް މެކޭނިޒަމްތައް ތަޢާރަފުކުރުން ހިމެނެ އެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ބަލަމުންދާ ކަމަށެވެ. އަދި ބްލޮކްޗެއިން އަދި ޓޯކަނައިޒޭޝަން ފަދަ އިނޮވޭޓިވް މެކޭނިޒަމްތައް ގެނެވިއްޖެ ނަމަ، އެއީ އިޤްތިސާދު ފުޅާކުރުމުގައި ލިބިގެންދާނެ ކުރިއެރުންތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”ރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭޝަލް ސެންޓަރެއްގެ މަސައްކަތް އަޅުގަނޑުމެން އެބަބަލަން. އަދި ދުނިޔޭގެ މިހާރު ބައެއްކަހަލަ އިންވެސްޓްމަންޓުތައް ގެނައުމަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން މިއަންނަ ބަދަލުތަކާއެކު ބްލޮކްޗެއިންނާއި ޓޮކަނައިޒޭޝަން ކަހަލަ ބައެއް އިނޮވޭޓިވް މެކޭނިޒަމް އަންނައިރު އެއަށްވެސް އަޅުގަނޑުމެން ޓެޕް ކުރީމަ އަޅުގަނޑު ގަބޫލުކުރަނީ އެއަށްވެސް އިގްތިސާދު ފުޅާކުރުމުގައި ލިބިގެންދާނެ ކުރިއެރުންތަކެއް.“
މިނިސްޓަރު ޒަމީރު ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ކުރުމަށް ބައެއް ފަހަރު ދަތިތައް ދިމާވާ ކަމުގައި ވިޔަސް، އަންނަ އަހަރުގެ ބަޖެޓުން އެއްވެސް ދަތިކަމެއް ނެތި ސަރުކާރުގެ ހަރަދުތައް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ބަޖެޓު ތައްޔާރުކޮށްފައިވަނީ ރައްޔިތުންނަށް ސަރުކާރުން ކޮށްދޭން ޖެހޭ އެއްވެސް ކަމަކަށް ހުރަހެއް ނެތް ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލީ ވުޒާރާގެ އިކޮނޮމިސްޓުންނާއި އެމްއެމްއޭއިން ވެސް ލަފާކުރާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ ދެމެހެއްޓެނިވި ބަޖެޓެކެވެ.
އިޤްތިސާދު ކުރިއަރާނެ މިންވަރާއި މެދު ރާސްތާގައި އިޤްތިސާދު ދެމެހެއްޓިދާނެތޯ ސުވާލު އުފައްދާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، އިޤްތިސާދު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް އެބަދާކަން ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި އައްޑޫ އެއާޕޯޓު ނިމި، ހދ. ހަނިމާދޫ އެއާޕޯޓުގެ ފައިދާ ކުރަން ފެށުމުން އިޤްތިސާދަށް ހެޔޮ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވި އެވެ. އަދި ރީޖަނަލް އެއަރޕޯޓުތަކަކީ ދައުލަތަށް ފައިދާވާނެ ތަންތަނަށް ހެދުމަށްވެސް މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
ބަޖެޓްގެ ތަފްސީލްތައް:
ސަރުކާރުގެ ފަރާތުން 2026 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ އެވެ.
2026 ވަނަ އަހަރު އަހަރު ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިއީ މި ހިނގާ 2025 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރާ 37.9 ބިލިއަން ރުފިޔާގެ އާމްދަނީއަށް އަންނަ 6.6 ޕަސެންޓްގެ އިތުރުވުމެކެވެ. 2026 ވަނަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭއިރު ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 8.7 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް ލަފާކޮށްފައިވެ އެވެ. އަދި އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މީގެއިތުރުން އަންނަ އަހަރު ދައުލަތުގެ ބަޖެޓްގެ ޖުމުލަ ޚަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ ޚަރަދަށްވުރެ 11 ޕަސެންޓް އިތުރު މިންވަރެކެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މި އަހަރާއި އަޅައިބަލާއިރު، ކެޕިޓަލް ޚަރަދު 31.7 ޕަސެންޓްއިން އިތުރުވެ 9.3 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އަންދާޒާކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް ބަޖެޓް 2026 މިނިސްޓްރީ އޮފް ފިނޭންސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދައުލަތުގެ ބަޖެޓް
