ޗައިނާގެ ގުއަންޑޮންގް ޕްރޮވިންސްގައި ޖުލައި މަހުން ފެށިގެން ޗިކަންގުންޔާގެ 7،000 އަށް ވުރެ ގިނަ ކޭސް ފެނިފައިވާކަމަށް އެ ޤައުމުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފި އެވެ.
މި ބައްޔަށް އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފޯޝާން ސިޓީގައި ޗިކުންގުންޔާ ޖެހިފައިވާ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު، އިތުރަށް ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ހޮސްޕިޓަލުގެ އެނދުތައް މަދިރި ދަނޑިން ރައްކާތެރިކޮށްފައިވާ ކަމަށް ހެލްތު އޮފިޝަލުން މައުލޫމާތު ދީފައިވެ އެވެ. އަދި ބަލިމީހުން ޑިސްޗާޖްކުރެވޭނީ ޓެސްޓް ނެގެޓިވް ވުމުން ނުވަތަ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެ އެވެ.
ޗިކަންގުންޔާއަކީ ބަލިޖެހިފައިވާ މަދިރި ދަތްއެޅުމުގެ ތެރެއިން ފެތުރޭ ވައިރަސްއެކެވެ. މި ބައްޔަށް ޖެހޭ މީހުންނަށް ހުމުގެ އިތުރުން ހުޅުތަކުގައި ވަރަށް ބޮޑަށް ރިއްސުން މެދުވެރިވާއިރު، ބައެއް ފަހަރު މި އަލާމާތްތައް އަހަރުތަކެއް ވަންދެން ދެމިގެންދާ ކަމަށް ސިއްހީ މާހިރުން ފާހަގަކުރެ އެވެ.
ފޯޝާން ފިޔަވައި، ގުއަންޑޮންގް ޕްރޮވިންސްގެ ދެކުނުގެ އިތުރު 12 ސިޓީއަކުން ވެސް މި ބަލި ފެތުރިފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް ގާތްގަނޑަކަށް 3،000 ކޭސް ރިޕޯޓްކޮށްފައިވާއިރު، ހޯމަ ދުވަހު ހޮންކޮންގުން ފުރަތަމަ ކޭސް ރިޕޯޓްކޮށްފައިވަނީ ޖުލައި މަހު ފޮޝާންއަށް ދަތުރުކުރި 12 އަހަރުގެ ކުއްޖެއްގެ ފަރާތުންނެވެ.
ޗައިނާގައި މަދުން ނަމަވެސް ޗިކަންގުނިއާ ފެތުރެމުންދާއިރު، މިއީ ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާ އަދި އެފްރިކާގެ ބައެއް ހިސާބުތަކުގައި އާންމުކޮށް ފެންނަ ބައްޔެކެވެ. އަދި މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ޗައިނާގެ ސަރުކާރުން ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ވެސް އެ ޤައުމުގެ ސިއްހީ އިދާރާތަކުން ބުނެފައިވެ އެވެ.
