އޭޓީއެމް ހިދުމަތާއެކު ބަސް ސްޓޮޕް އިމާރާތްތަކެއް ތަރައްގީ ކުރަނީ

Advertisement

އެންމެ ފަސް

Advertisement

މާލޭގައި އޭޓީއެމްގެ ޚިދުމަތްތައް ލިބޭނެ ގޮތަށް ބަސް ސްޓޮޕްގެ ޢިމާރާތްތަކެއް ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި މާލޭ ސިޓީ ކައުންސިލުން، މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އާއި އެކު ސޮއިކޮށްފަ އެވެ.

އެ ކައުންސިލުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަބްދުލް މުޙައިމިން ނަޞީރެވެ. އަދި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރ މުޙައްމަދު ޒުލާލް ޒަޢީމެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި މި މަޝްރޫޢަކީ، މާލޭގެ ޢާންމު ދަތުރުފަތުރުގެ ނިޒާމަށް ފާހަގަކުރެވޭ ބަދަލެއް ގެނެސް، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ފަސޭހަކުރުމުގެ މަޤްޞަދުގައި، މާލޭގެ ހަތަރު ސަރަޙައްދެއްގައި ބަސް ސްޓޮޕްތަކެއް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

ޢިމާރާތްތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތައް:

  • މަޖީދީމަގު (މާފަންނު މައިޒާން ސަރަޙައްދު)

  • އަމީނީ މަގު (ސިނަމާލެ 3 ސަރަޙައްދު)

  • ބޮޑުތަކުރުފާނު މަގު (ތައިސޭ ކޮށި ސަރަޙައްދު)

  • ބޮޑުތަކުރުފާނު މަގު (ރާޅުގަނޑު ސަރަޙައްދު)

ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުގެ ޖުމްލަ ހަރަދު އެމްއައިބީން ކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި މި އިންތިޒާމް ހަމަޖެހިފައިވަނީ ދިހަ އަހަރުގެ މުއްދަތަށް ކުލި ނުދައްކާނެ ގޮތަށެވެ.

އެއްބަސްވުމުގެ ދަށުން، މި ބަސް ސްޓޮޕް ޢިމާރާތްތަކާއި އޭޓީއެމް ކިއޮސްކްތައް ފަރުމާކޮށް، ޢިމާރާތްކޮށް، އަދި ބެލެހެއްޓުމުގެ ޒިންމާ ވަނީ އެމްއައިބީ އަށް ހަވާލުކޮށްފަ އެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، މި ޢިމާރާތްތަކާއި ދާއިމީ ސްޓްރަކްޗަރތައް ބިމުގައި ދެމިހުންނާނެ ކަމަށާއި، އެ ތަންތަން ވެގެންދާނީ މާލޭ ސިޓީ ކައުންސިލުގެ މިލްކެއްގެ ގޮތުގައި ކަމަށް ވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.

ސިޓީ ކައުންސިލުން ހާމަކުރެއްވި ގޮތުގައި، މި ޢިމާރާތްތައް ތަރައްޤީކުރުމުގައި ދެ ފަރާތުން ވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ބަސް ހުއްޓާ ސަރަޙައްދަށް ވަދެ ނިކުތުމަށް އެއްވެސް ހުރަހެއް ނުވަތަ ދަތިކަމެއް ދިމާނުވާނެ ގޮތަށް ތަންތަން ފަރުމާ ކުރުމަށެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ބޭނުންތެރި އަދި ފަސޭހައިން ވާޞިލުވެވޭ ބަހުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޒަރީޢާއިން ޢާންމު މަޞްލަޙަތަށް އިސްކަންދީގެން ޚިދުމަތްކުރުން ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

މާލެ ސިޓީ ކައުންސިލް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ