އެމްޑީޕީއަކީ އެފްޓީއޭއާ ރައްޓެހި ޕާޓީއެއް ނޫން، ޔޫކޭ އެފްޓީއޭއާ ގުޅޭ އެންމެ ބައްދަލުވުމެއްވެސް ނުބާއްވަ: މިނިސްޓަރު ސައީދު

Advertisement

އެންމެ ފަސް

Advertisement

އިދިކޮޅު އެމްޑީޕީއަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާ އެހާ ރައްޓެހި ޕާޓީއެއް ނޫން ކަމަށާއި ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އިނގިރޭސިވިލާތާއި ރާއްޖޭގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ އެންމެ ބައްދަލުވުމެއްވެސް ބާއްވާފައި ނުވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިއަދު ޖަލްސާގައި އިނގިރޭސިވިލާތާއެކު ހެދުމަށް މަޝްވަރާ ކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ 5 އަހަރު ނިމިގެން ދިޔަ އިރު އެ އެއްބަސްވުމާ ގުޅޭ އެންމެ ބައްދަލުވުމެއްވެސް ބާއްވާފައި ނުވާ ކަމަށެވެ. އަދި އެކަމަށް މަސައްކަތްވެސް ނުކުރާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއިން އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްވުމަށް އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ޔޫރަޕިއަން ޔޫނިއަންއިން އިނގިރޭސިވިލާތް ވަކިވާން ނިންމުމާއެކު 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު އޭރުގެ އިކޮނޮމިކް މިނިސްޓަރު ސޮއިކޮށްފައި ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. އޭރު އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވީވެސް މިނިސްޓަރު ސައީދެވެ.

ވީމާ އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިނގައިދިޔަ ކަމެއް ނޫން. ބްރެކްސިޓް (އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަންއިން ވަކިވުމުގެ ކުރިން) ގެ ކުރިން އިނގިރޭސި ވިލާތުން ނަގަމުން ދިޔައީ 24 ޕަސެންޓްގެ ޓެރިފެއް. ބްރެކްސިޓަށް ފަހު އެ ގައުމުން މިހާރު ނަގަނީ 20 ޕަސެންޓްގެ ޓެރިފެއް.

އިނގިރޭސި ވިލާތުން ނަގާ 20 ޕަސެންޓްގެ ޓެރިފަކީ ޕްރިފަރެންޝަލް އެއްބަސްވުމެއް ނެތް ހުރިހާ ގައުމަކުންވެސް ނަގަމުން އަންނަ ޓެރިފެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ 24 އިންސައްތައިން 20 އިންސައްތައަށް ޓެރިފް ރޭޓް ދަށްވީ އެމްޑީޕީގެ މަސައްކަތުންކަމަށް ބުނާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވިދާޅުވެފަ އެވެ.

އިދިކޮޅު އެމްޑީޕީއަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާ އެހާ ރައްޓެހި ޕާޓީއެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އެހެންނޫންނަމަ ޗައިނާއާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސޮއިކޮށްފައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން އަމަލު ކުރަން ފަށާނެ ކަމަށެވެ.

މަޖިލީހުގައި މިނިސްޓަރާ ސުވާލު ކުރެއްވުމަށްފަހު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި، ޖޫން މަހު ފޮނުއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އިކޮނޮމިކް މިނިސްޓަރު ވަނީ ޔޫކޭ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓްގެ މަޝްވަރާތައް ހުއްޓާލައިފި ކަމަށް ވިދާޅުވެފައި ކަމަށާއި، ރައީސް މުއިއްޒު ސަރުކާރުގެ ދަށުން މަސް އެކްސްޕޯޓް ކުރުމުގައި ޓެރިފް ކުޑަކުރެވޭނެ އުއްމީދެއް ނެތް ކަމަށެވެ.

މީކާއީލްގެ މި ޕޯސްޓަށް ރައްދު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެއީ ދޮގު މައުލޫމާތެއް ކަމަށެވެ. އަދި މަޖިލީހުގައި މީކާއީލް ކުރެއްވި ސުވާލުގައި ދޮގު މައުލޫމާތު ހިމަނުއްވާފައިވާ ކަމަށާއި، އެކަން އޮޅުންފިލުވައިދިނުމަށް ތެދު މައުލޫމާތު ދިން ނަމަވެސް، މީކާއީލް އެކްސްގައި ކުރެއްވި ޕޯސްޓް ވެސް އޮތީ އޮޅޭ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވެފައިވަނީ މީކާއީލް މި ޕޯސްޓް މިގޮތަށް ކުރައްވާފައިވަނީ މަޖިލީހުގައި ސުވާލު ކުރެއްވުމުގައި ހައްދަވާފައިވާ އިތުރުފުޅު ފޮރުވުމަށް ކަމަށް ދޭހަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އިނގިރޭސި ވިލާތް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިވަން ވިޔަފާރީގެ އެއްބަސްވުން މެންބަރު މީކާއިލް ނަސީމް ޗައިނާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ