ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑް (ސީއެމްއީސީ) ގެ ފަރާތުން ދިވެހި ސަރުކާރަށް ފެން ހިންދާ ހަ ޕަމްޕް ރަސްމީކޮށް ހަދިޔާކޮށްފި އެވެ.
މި ޕަމްޕުތައް ހަވާލު ކުރުމަށް ހުޅުމާލޭ ސެންޓަރަލް ޕާރކްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ސީއެމްއީސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް މުއިއްޒު މި ރަސްމިއްޔާތަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި ޕަމްޕުތަކުގެ ސަބަބުން ގްރޭޓަރ މާލޭ ސަރަހައްދުގައި ވާރޭވެހިގެން ފެންބޮޑުވުމުގެ މައްސަލަތައް ހައްލުކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ސީއެމްއީސީގެ ފަރާތުން މި ފެން ޕަންޕުތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ލިއު ޝިޔައޮޑާ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާއި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ. މި ހަދިޔާއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ މި ހަ ފެންހިންދާ ޕަމްޕް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލޭ ސަރަހައްދުގެ އެކި ހިސާބުތަކުގައި ފެން ހިންދުމުގެ މަސައްކަތަށް އެހީތެރިވުމަށް ކަމަށެވެ. މާލެ ސަރަހައްދަކީ ވާރޭވެހޭ ދުވަސްވަރު ފެންބޮޑުވުމުގެ މައްސަލަތައް ވަރަށް ގިނައިން ދިމާވާ ސަރަހައްދެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޗައިނާ ޗައިނާ
