އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބިލިއަނަރު އެލޮން މަސްކާ ދެކޮޅަށް 1،200 އެއްވުމެއް ބޭއްވުމަށް ރޭވިއްޖެ އެވެ.
މިއީ މިހާތަނަށް ޓްރަމަޕްއާ މަސްކާ ދެކޮޅަށް ބޭއްވޭ އެންމެ ބޮޑު އެއްވުން ކަމަށް ބެލެވެ އެވެ.
”ހޭންޑްސް އޮފް!“ ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެއްވުންތަކުގައި، ޓްރަމްޕްގެ އެގްޒެކެޓިވް އޯޑަރުތައް ނުވަތަ ރިޔާސީ ގަރާރުތަކުގެ ޒަރިއްޔާއިން އެ ޤައުމުގެ ބައިނަލްއަޤުވާމީ އަދި އެތެރޭގެ ސިޔާސަތުތަކަށް ގެނައި ބޮޑެތި ބަދަލުތަކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އިހުތިޖާޖުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުޒާހަރާތައް އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި އަދި ކެނެޑާ، ބްރިޓެން، ފްރާންސް، ޖަރުމަނު، މެކްސިކޯ އަދި ޕޯޗުގަލްގައިވެސް ބޭއްވުމަށް ވަނީ ރޭވިފަ އެވެ. އެންމެ ބޮޑު އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ވޮޝިންގްޓަންގެ ނެޝަނަލް މޯލްގަ އެވެ. މި އިވެންޓުގައި ބައިވެރިވުމަށް 150 އެކްޓިވިސްޓް ގްރޫޕަކުން ވަނީ ސޮއިކޮށްފަ އެވެ.
ވައިޓް ހައުސްގެ އެސިސްޓެންޓް ޕްރެސް ސެކްރެޓަރީ ލިޒް ހަސްޓަން ވިދާޅުވެފައިވަނީ ”ރައީސް ޓްރަމްޕްގެ ސްޓޭންޑް ވަރަށް ސާފު: އޭނާ އަބަދުވެސް ސޯޝަލް ސެކިއުރިޓީ، މެޑިކެއަރ، އަދި މެޑިކެއިޑް ޙައްޤުވާ ފަރާތްތަކަށް ރައްކާތެރިކަން ދޭނެ“ ކަމަށެވެ.
ޓްރަމަޕް މިފަހުން ނިންމި އެންމެ ބޮޑު ނިންމުމަކީ ދުނިޔޭގެ ހުރިހާ ޤައުމަކުން ކަހަލަގޮތަކަށް އެމެރިކާއަށް އެތެރެކުރާ މުދަލުން ބޮދު އަދަދެއްގެ ޓެކްސް ނެގުން ހިމެނެ އެވެ. އޭއިއެކު ދުނިޔޭގެ ބާޒަރަށް ވަނީ ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފަ އެވެ. އޭގެއިތުރުންވެސް އެމެރިކާއިން އެހެން ޤައުމުތަކަށް ފޯރުކޮށްދޭ އެހީތައް ހުއްޓާލުމަށް ނިންމުމާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަކިވުމަށް ނިންމި ނިންމުންވެސް ހިމެނެ އެވެ. އަދި ޓްރަމްޕް ވަނީ ޢާއްޒާ ރައްޔިތުންގެ އެ ރައްޔިތުންގެ އަމިއްލަ ވަޒަނުން ބޭރުކޮށްލުމަށް ނިންމާފައިވާކަމަށްވެސް ހާމަކޮށްފަ އެވެ.
ޓްރަމްޕްގެ ނިންމުންތަކާއެކު އެމެރިކާގެ ބާޒާރުގައ ތަކެތީގެ އަގުތައް އުުފުލުމުގެ އިތުރުން، ދުނިޔޭގެ ބާޒާރުގައިވެސް ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލިގެންދާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ.