މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ ފެން ހިންދާ ނިޒާމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން ގާއިމު ކުރާ ފެން ހިންދާ ނިޒާމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި މި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްދާ ކެޗްޕިޓްތަކާއި، ސެޓްލްމަންޓް ޓޭންކު ތަކުގެ އިތުރުން ހޮޅި އެޅުމުގެ މަސައްކަތުގެ ވެސް 50 އިންސައްތަ ނިމިފައިވާ ކަމަށެވެ.
ބޮޑުތަކުރުފާނު މަގުގެ ސަބްގްރޭޑް މަސައްކަތާއި ފުޓްޕާތު ކޮމްޕެކްޝަންގެ މަސައްކަތްތަކުގެ ވެސް 50 އިންސައްތަ ނިމިފައިވާ ކަމަށާއި ސާވިސް ލައިންގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެ އެވެ.
”މި މަޝްރޫއުގެ ސަބަބުން މަގުތައް ރަނގަޅުވެ، ޓްރެފިކް މަދުވެ، ފެންބޮޑުވުން ހުއްޓުވި، ފައި މަގުން ހިނގާ މީހުންނަށް ރައްކާތެރި އިންފްރާސްޓްރަކްޗާ އެއް ގާއިމް ވެގެން ދާނެ.“ އެމްޓީސީސީ އިން ބުނެފައިވެ އެވެ.
މި މަޝްރޫއަކީ 144.5 މިލިއަން ރުފިޔާއަށް މި އަހަރުގެ އޭޕްރީލް މަހު ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. މި މަޝްރޫއު 455 ދުވަހުގެތެރޭ އެމްޓީސީސީން ނިންމަން ޖެހޭނެ އެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް، 830 މީޓަރުގެ މަގު ހަތަރު ލޭނަށް ފުޅާކުރެވޭނެ އެވެ. މީގެ އިތުރުން ދުވާރުތައް ހެދުމާއި، މަގުތަކުގައި ރޯޑް މާކިން އަދި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެ އެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)