އީރާނުގެ ފޯޑޯ، ނަތަންޒް އަދި އިސްފަހާން ސަރަހައްދުގައި ހުރި ނިއުކްލިއަރ ފެސިލިޓީތަކަށް އެމެރިކާއިން ހަމަލާދީފިއެވެ.
މި ހަމަލާތައް ދީފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ހަމަލާތަކަށް ފަހު ވައިޓް ހައުސްގައި ދެއްކެވި ވާހަކަފުޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިއީ ”ފާހަގަކޮށްލެވޭ ފަދަ އަސްކަރީ ކާމިޔާބީއެއް“ ކަމަށާއި، އީރާނުގެ ޔުރޭނިއަމް އެންރިޗްމަންޓް ސައިޓްތައް ”މުޅިން ފަނާކޮށްލެވިފައި“ ވާ ކަމަށެވެ.
”މެދު އިރުމަތީގެ ބުލީ، އީރާން، މިހާރު ސުލްހަވެރިކަމަށް އަންނަން ޖެހޭނެ،“ ކަމަށްވެސް ޓްރަމްޕްގެ ވާހަކައިގައި ފާހަގަ ކުރައްވާފައިވެ އެވެ. ޓްރަމްޕް މި ވާހަކަތައް ދައްކަވާފައިވަނީ ނައިބު ރައީސް ވާންސް، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްއާއެކު ހުންނަވައިގެންނެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް ޝުކުރު އަދާކުރައްވަމުން ޓްރަމްޕް ވިދާޅުވީ ”އަޅުގަނޑުމެން މަސައްކަތް ކުރީ މީގެ ކުރިން އެއްވެސް ޓީމެއް މަސައްކަތް ނުކުރާވަރުގެ ގާތް ގުޅުމެއްގައި، އަދި އިސްރާއީލަށް ކުރިމަތިވެފައިވާ މި ނުރައްކާ ނައްތާލުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދިއްޖެ“ ކަމަށެވެ.
މި ހަމަލާއާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް ވިދާޅުވެފައިވަނީ އެމެރިކާއިން ބައިނަލްއަގުވާމީ ގާނޫނާ ޚިލާފުވެފައިވާ ކަމަށެވެ.
”އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެންބަރެއްގެ ހައިސިއްޔަތުން އެމެރިކާއިން ވަނީ އދ. ގެ ޗާޓަރާއި، ބައިނަލްއަގުވާމީ ގާނޫނާއި އަދި އެން.ޕީ.ޓީ އާ ޚިލާފުވެފައި. އެއީ އީރާނުގެ ސުލްހަވެރި ނިއުކްލިއަރ ތަންތަނަށް ހަމަލާދީގެން،“ އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.
”މިރޭ ހިނގި ކަންތައްތަކަކީ ނުރައްކާތެރި އަދި ނުބައި ކަންތައްތަކެއް. މިކަމުގެ ނަތީޖާ އަބަދުގެ އަބަދަށް ދެމިގެންދާނެ. އދ. ގެ ކޮންމެ މެންބަރަކުވެސް މި ނުރައްކާތެރި ޢަމަލުތަކާމެދު ކަންބޮޑުވާންޖެހޭ.“
އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އިތުރަށް ވިދާޅުވެފައިވަނީ އީރާނުން ”އެ ގައުމުގެ މިނިވަންކަމާއި، މަސްލަހަތުތަކާއި، އަދި ރައްޔިތުން ދިފާއުކުރުމަށް ހުރިހާ ކަމެއް ކުރާނެ“ ކަމަށެވެ.
މީގެ އިތުރުން އިރާނުން ވަނީ އެމެރިކާއިން ހަމަލާ ދިން އެއްވެސް ނިއުކްލިއާ ސައިޓަކަށް މާ ބޮޑު ގެއްލުމެއް ވެފައި ނުވާ ކަމަށާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެއްވެސް ގެއްލުމެއް ނެތް ކަމަށް ބުނެފަ އެވެ.