އީރާންގެ ނިއުކްލިއަރ ފެސިލިޓީތަކަށް އެމެރިކާއިން ދިން ހަމަލާއާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އީރާންގެ އދ. މިޝަނުން ގޮވާލައިފި އެވެ.
އީރާންގެ ސެމީ-އޮފިޝަލް ނޫސް އެޖެންސީ ފާރްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާންގެ އދ. މިޝަނުން މި ހަމަލާ ސިފަކޮށްފައިވަނީ ”ހާމަކަން ބޮޑު އަދި ގާނޫނާ ހިލާފު އަދުވާނީ ހަމަލާއެއް“ ގެ ގޮތުގަ އެވެ. އަދި މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރުމަށް ވެސް ގޮވާލާފައިވެ އެވެ.
މީގެއިތުރުން، އދ. ގެ ޗާޓަރުގެ ދަށުން ސަލާމަތީ މަޖިލީހަށް ލިބިދޭ ޒިންމާތަކުގެ ތެރެއިން ”މި ނުރައްކާތެރި ކުށްތައް ހިންގި ފަރާތް ފުރިހަމައަށް ޖަވާބުދާރީ ކުރުވައި، އެފަރާތަށް އަދަބު ލިބޭނެ ގޮތް ހެދުމަށް“ ބޭނުންވާ ހުރިހާ ފިޔަވަޅެއް އެޅުމަށް ވެސް އީރާންގެ މިޝަނުން ވަނީ ގޮވާލާފަ އެވެ.
އީރާނުގެ ފޯޑޯ، ނަތަންޒް އަދި އިސްފަހާން ސަރަހައްދުގައި ހުރި ނިއުކްލިއަރ ފެސިލިޓީތަކަށް އެމެރިކާއިން ހަމަލާދީފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ހަމަލާތަކަށް ފަހު ވައިޓް ހައުސްގައި ދެއްކެވި ވާހަކަފުޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިއީ ”ފާހަގަކޮށްލެވޭ ފަދަ އަސްކަރީ ކާމިޔާބީއެއް“ ކަމަށާއި، އީރާނުގެ ޔުރޭނިއަމް އެންރިޗްމަންޓް ސައިޓްތައް ”މުޅިން ފަނާކޮށްލެވިފައި“ ވާ ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް ޝުކުރު އަދާކުރައްވަމުން ޓްރަމްޕް ވިދާޅުވީ ”އަޅުގަނޑުމެން މަސައްކަތް ކުރީ މީގެ ކުރިން އެއްވެސް ޓީމެއް މަސައްކަތް ނުކުރާވަރުގެ ގާތް ގުޅުމެއްގައި، އަދި އިސްރާއީލަށް ކުރިމަތިވެފައިވާ މި ނުރައްކާ ނައްތާލުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދިއްޖެ“ ކަމަށެވެ.
މި ހަމަލާއާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް ވިދާޅުވެފައިވަނީ އެމެރިކާއިން ބައިނަލްއަގުވާމީ ގާނޫނާ ޚިލާފުވެފައިވާ ކަމަށެވެ.
”އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެންބަރެއްގެ ހައިސިއްޔަތުން އެމެރިކާއިން ވަނީ އދ. ގެ ޗާޓަރާއި، ބައިނަލްއަގުވާމީ ގާނޫނާއި އަދި އެން.ޕީ.ޓީ އާ ޚިލާފުވެފައި. އެއީ އީރާނުގެ ސުލްހަވެރި ނިއުކްލިއަރ ތަންތަނަށް ހަމަލާދީގެން،“ އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އިރާނުން ވަނީ އެމެރިކާއިން ހަމަލާ ދިން އެއްވެސް ނިއުކްލިއާ ސައިޓަކަށް މާ ބޮޑު ގެއްލުމެއް ވެފައި ނުވާ ކަމަށާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެއްވެސް ގެއްލުމެއް ނެތް ކަމަށް ބުނެފަ އެވެ.



