ޣައްޒާގެ ރައްޔިތުން އެމީހުންގެ އަމިއްލަ ފަސްގަނޑުން ނެރެ، އަވައްޓެރި ޤައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ހުށަހެޅުމަށް މިސްރާއި އުރުދުންގެ ސަރުކާރުން އިންކާރުކޮށްފި އެވެ.
ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި، އޭނާގެ މަޤްޞަދަކީ ޣައްޒާއިން ”އެކަށީގެންވާ މިންވަރެއްގެ އާބާދީއެއް“ ބޭރަށް ގެންގޮސް، ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ އެ ސަރަޙައްދު އަލުން އާރާސްތުކުރުމެވެ. މިކަމަށްޓަކައި އަވައްޓެރި އަރަބި ޤައުމުތަކުން އެއްބާރުލުން ހޯދުމަށް އޭނާގެ ސަރުކާރުން މަސައްކަތްކުރާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
މި ހުށަހެޅުމަށް ރައްދު ދެމުން މިސްރުގެ ފޮރިން މިނިސްޓަރު ވިދާޅުވެފައިވަނީ ވަގުތީ ގޮތުން ވިޔަސް އަދި ދިގު މުއްދަތަކަށް ވިޔަސް ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރަށް ގެންދިއުމަށް ކުރާ އެއްވެސް މަސައްކަތަކަށް މިސްރު ސަރުކާރުން އެއްބާރުލުން ނުދޭނެ ކަމަށެވެ. އަދި މިފަދަ ރޭވުމަކުން މެދުއިރުމަތީގެ ހަމަޖެހުމަށް އިތުރު ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށްވެސް އެ މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.
އުރުދުންގެ ސަރުކާރުންވެސް ވަނީ މި ރޭވުމަށް އެއްވެސް އެއްބާރުލުމެއް ނުދޭނެކަން ކަނޑައެޅިގެން ބަޔާންކޮށްފަ އެވެ. މީގެ ކުރިންވެސް ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކުރުމަށް އެމެރިކާއާއި އިސްރޭލް ގުޅިގެން މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެވެ އެވެ.
އަރަބި ޤައުމުތަކުން ދެކޭގޮތުގައި މިއީ އިސްރޭލްގެ އެދުމުގެ މަތިން، ޣައްޒާގެ ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުން ނެރެ، އެ ސަރަހައްދަށް އިސްރޭލް ވެރިވެގަތުމަށް ރޭވިފައިވާ ރޭވުމެކެވެ.
ޓްރަމްޕާއި އޭނާގެ ސަރުކާރަކީ އިސްރޭލްގެ ދައުލަތަށް ބޮޑު ތާއީދެއްކުރާ ސަރުކާރެކެވެ. ކެމްޕޭން ތެރޭގައި އިސްރޭލްގެ އަމަލުތަކާއި ދެކޮޅަށް ޓްރަމްޕް ވާހަކަދެއްކިނަމަވެސް، ޓްރަމްޕްގެ ޕާޓީ ރިޕަބްލިކަން އަކީ މީގެކުރިންވެސް އިސްރޭލްއަށް ހަތިރާ ފޮނުވުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން އެންމެ ބޮޑު މަސައްކަތެއްކުރި ޕާޓީ އެވެ. އަދި އެ ޕާޓީގެ ލީޑަރޝިޕްގައި ގިނައީވެސް އިސްރޭލް ދަރިކޮޅުގެ ޔަހޫދީންނެވެ.