ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިފަހުން އިޒްރޭލުންދިން ހަމަލާތަކުގައި ޣައްޒާއިން 230 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.
ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދުވެސް އިޒްރޭލުން ވަޏީ ޣައްޒާއަށް ވައިގެމަގުން ހަމަލާތަކެއް ދީފަ އެވެ. އެގޮތުން ޣައްޒާގެ ޚާންޔޫނުސްއަށް މިއަދު ވައިގެމަގުން އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
އޮކްޓޫބަރު 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިފަހުން އިޒްރޭލުން ދިން ހަމަލާތަކުގައި ޣައްޒާގެ 236 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ.
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިފަހުންވެސް އިޒްރޭލުން ޣައްޒާގެ 200 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާތީ ތުރުކީގެ ރައީސް ރަޖަބް އުރުދުގާން ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބެލުމެއްނެތި އިޒްރޭލުން ޣައްޒާގެ މީހުން ޝަހީދުކުރަމުންދާއިރު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް އިޒްރޭލަށްވުރެ ބޮޑަށް ހަމާސްއިން މަސައްކަތް ކުރާތަން ފެންނަ ކަމަށް އުރުދުގާން ވިދާޅުވި އެވެ.
މީގެއިތުރުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ސިފައިން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ދެ މީހަކު މިއަދު ޝަހީދުކޮށްލާފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ.
ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ހަމާސްއިން އަންނަނީ ރަހީނުކޮށްފައިވާ އިޒްރޭލުގެ އަސީރުންގެ ހަށިގަނޑުތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަދުވެސް ދެ ހަށިގަނޑެއް އިޒްރޭލާ ހަވާލުކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
2023 އޮކްޓޫބަރު 7 ވަނަ ދުވަހު ދުވަހުން ފެށިގެން އަޒްރޭލުން، ފަލަސްތީނުގެ ނަސްލުނައްތާލުމަށް އިންތިޒާމުވެގެން ހިންގަމުންދާ ޖަރީމާގައި މިހާތަނަށް 68,858 މީހުން ޝަހީދުކޮށްލާފައިވެ އެވެ. މި ހަމަލާތަކުގައި 170,664 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.
