ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ އިޒްރޭލުން ޣައްޒާއަށް ހަމަލާތަކެއް ދީފި އެވެ.
އިޒްރޭލުގެ މީޑިއާތަކާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ މިއަދުގެ ވަގުތެއްގައި އިޒްރޭލުން ޣައްޒާއަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
އެގޮތުން ޣައްޒާގެ އެކި ހިސާބުތަކަށް އިޒްލޭރުން ވައިގެ ހަމަލާތައްދިނުމުގެ އިތުރުން ރެފިއުޖީ ކޭމްޕްތަކަށް ވެސް އިޒްރޭލުގެ ސިފައިން ރެއިޑްކޮށް ދިން ހަމަލާތަކުގައި މީހުން ޝަހީދުކޮށްލާފައިވެ އެވެ. މިއަދުގެ ހަމަލާތަކުގައި ގިނަ ބަޔަކަށް އެކިވަރުގެ ޒަހަމުތައްވެސް ލިބިފައިވާ ކަމަށް ބޭރުމީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އިޒްރޭލުގެ ހަމަލާތައް ކުއްވެރިކޮށް ހަމާސްއިން ބުނެފައިވަނީ، އިޒްރޭލުގެ މި އަމަލަކީ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާއި ހިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ. ނަމަވެސް އިޒްރޭލުން ތުހުމަތުކުރިގޮތުގައި ހަމާސްއިން މިއަދު ވަނީ އިޒްރޭލުގެ ސިފައިންނަށް އަމާޒުކޮށް ހަމަލާތަކެއްދީފަ އެވެ. އަދި އިޒްރޭލުގެ ހަމަލާތަކަކީ ހަމާސްގެ ހަމަލާތަކާ ވިދިގެން ދިން ހަމަލާތަކެއްކަމަށް ތުހުމަތުކޮށްފައިވެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަނގުރާމަ ހުއްޓާލާފައި އޮތްނަމަވެސް، އިޒްރޭލުގެ ސަރުކާރުގެ މިނިސްޓަރުން އަންނަނީ ހަމަލާތައް އަލުން ފެށުމަށް ގޮވާލާ ބޮޑުވަޒީރު ނަތަންޔާހޫއަށް ޕްރެޝަރ ކުރަމުންނެވެ.
2023 އޮކްޓޫބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ނަސްލުނައްތާލުމަށް ހިންގަމުންދާ ޖަރީމާތަކުގައި މިހާތަނަށް 68،100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ.