މިރޭ ބެއިރޫޓުގެ ދެކުނު ސަރަޙައްދުގައި ހުރި ހިޒްބުﷲ ގެ މައި މަރުކަޒަށް އިސްރާއީލުން ދިން ހަމަލާގައި އެ ޖަމާޢަތުގެ ލީޑަރު ސައްޔިދު ހަސަން ނަސްރުﷲ މަރާލެވިފައިނުވާކަމަށް ހިޒްބުﷲ އާ ގުޅުންހުރި މަސްދަރުތަކުން ބުނެފި އެވެ.
އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ހުކުރު ދުވަހު ބެއިރޫޓުގެ ދެކުނު ސަރަޙައްދުގައި ހިޒްބުﷲ ގެ މައި މަރުކަޒު އަމާޒުކޮށް ހަމަލާއެއް ދީފައިވާ ކަމަށެވެ. އަދި އެ ހަމަލާ ވަރަށް ކާމިޔާބުކަމަށް އެސްރާއިލްގެ ސިފައިންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެކްސިއޯސް ނިއުސް އައުޓްލެޓުން އިސްރާއީލީ މަސްދަރަކާ ހަވާލާދީ ބުނެފައިވަނީ މި ހަމަލާގެ އަމާޒަކީ ހިޒްބުﷲ ގެ ލީޑަރު ސައްޔިދު ހަސަން ނަސްރުﷲ ކަމަށާއި، އޭނާއަށް ހަމަލާ ދެވިފައިވޭތޯ އިސްރާއީލީ ސިފައިން ބަލަމުންދާ ކަމަށެވެ. ނަމަވެސް ހިޒްބުﷲ އާ ގާތް މަސްދަރަކުން ރޮއިޓަރސްއަށް ބުނެފައިވަނީ ނަސްރުﷲ ދިރިހުރި ކަމަށެވެ. އަދި އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ވެސް އޭނާ ރައްކާތެރިކަމާއެކު ހުރި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ހިޒްބުﷲ ގެ އަލް-މަނާރު ޓެލެވިޜަނުން ރިޕޯޓުކޮށްފައިވަނީ މި ހަމަލާގައި 4 އިމާރާތް ހަލާކުވެ، ގިނަ ބަޔަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެ ޓީވީ ސްޓޭޝަނުގެ ލައިވް ފީޑުގައި ދައްކާފައިވަނީ ސާރޗް އެންޑް ރެސްކިއު ޓީމުތަކުން ކޮންކްރީޓާއި ބޭރަށް ނުކުމެފައިވާ ދަގަނޑުތަކުގެ މަތީގައި މަސައްކަތްކުރަމުންދާ މަންޒަރެވެ.
އިސްރާއީލީ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ހިޒްބުﷲ ގެ މައި މަރުކަޒަށް ”ޕްރިސައިސް ސްޓްރައިކް“ އެއް ދީފައިވާ ކަމަށެވެ. މި ހަމަލާއަކީ ފާއިތުވި ހަފުތާގައި އިސްރާއީލުން ހިޒްބުﷲ ގެ ބާރުގެ ދަށުގައިވާ ބެއިރޫޓުގެ ދެކުނު ސަރަޙައްދު ކަމަށްވާ ދަހިޔާއަށް ދިން 4 ވަނަ ހަމަލާ އެވެ.

މި ހަމަލާތަކަކީ އިސްރާއީލާއި ވަރުގަދަ ހަތިޔާރު ލިބިފައިވާ ހިޒްބުﷲ އާ ދެމެދު އޮތް ހަނގުރާމަ އިތުރަށް ގޯސްވެގެން ދިޔުމުގެ ނިޝާނެއް ކަމަށް ސަރަޙައްދީ މާހިރުން ދެކެ އެވެ. މި ހާދިސާއާ ގުޅިގެން ދެ ފަރާތުން އިތުރު އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.
