ޖަރުމަނުގެ ޤައުމީ އެއަރލައިން ކަމުގައިވާ ލުފްތާންސާއިން އިޒްރޭލަށް ކުރަމުން އައި ދަތުރުތައް ހުއްޓާލައިފި އެވެ.
މި ނިންމުން ނިންމާފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަލާމަތީ ކަންބޮޑުވުންތަކެއް އުފެދިފައިވާތީ އެވެ.
ޓައިމްސް އޮފް އިޒްރޭލް އިން ރިޕޯޓު ކުރި ގޮތުގައި، ލުފްތާންސާގެ އިތުރުން ފްރާންސްގެ ޤައުމީ އެއަރލައިން ކަމުގައިވާ އެއަރ ފްރާންސްއިން ވެސް ވަނީ އިޒްރޭލަށް ކުރާ ދަތުރުތައް ހުއްޓާލާފަ އެވެ. މީގެ އިތުރުން، މި ދެ އެއަރލައިނުން ވަނީ ލުބްނާނަށާއި އީރާނަށް ކުރާ ދަތުރުތައްވެސް ހުއްޓާލާފަ އެވެ.
މި ނިންމުން ނިންމާފައިވަނީ ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ހަނގުރާމަ އިޢުލާން ކުރުމާ ގުޅިގެންނެވެ. ހިޒްބުﷲ އަކީ އީރާނުގެ ޕްރޮކްސީ ޖަމާޢަތެކެވެ. މި ނިންމުން ނިންމާފައިވަނީ އިއްޔެ ލުބްނާނުގައި ހިނގި ޕޭޖަރުތައް ގޮވުމުގެ ހާދިސާއަކާ ގުޅިގެންނެވެ. މި ހާދިސާގައި 9 މީހުން މަރުވެ، 2700 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވެ އެވެ.
ލުފްތާންސާއިން ބުނެފައިވަނީ، ”އަޅުގަނޑުމެންގެ ފަސިންޖަރުންނާއި ފަޅުވެރިންގެ ރައްކާތެރިކަމަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް“ ކަމަށެވެ.
މި ދެ އެއަރލައިނުން މިއަދުން ފެށިގެން މި ތިން މަންޒިލަށް ކުރާ ދަތުރުތައް ހުއްޓާލާނެ ކަމަށް އިއްޔެ އިޢުލާން ކޮށްފައިވެ އެވެ. އަދި މި ނިންމުން އަނބުރާ ގެންދެވޭނީ މެދުއިރުމަތީގެ ގޯސްވެފައިވާ މަސްރަޙުން ލިބޭ ކުރިއެރުންތަކަށް ބެލުމަށްފަހު ކަމުގައި ބުނެފައިވެ އެވެ.
