މިއަހަރު ތެރޭ އިޒްރޭލާއި މިސްރު ދެމެދު ވިޔަފާރިކުރުން އިތުރުވެއްޖެ ކަމަށް އަރަބި މީޑިއާއަކުން ހާމަކޮށްފި އެވެ.
ދަ މިޑްލް އީސްޓް އައި އިން އިޒްރޭލުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި ހަވާލާދީ ރިޕޯޓްކުރިގޮތުގައި މިއަހަރު ތެރޭ މިސްރުން އިޒްރޭލަށް މުދާ އެކްސްޕޯޓް ކުރުން ދެގުނަވެފައި ވެއެވެ.
އޮކްޓޯބަރު މަހުން ފެށިގެން ދެގައުމުގެ ސަލާމަތީ އެއްބާރުލުން ވަރުގަދަވެފައިވާއިރު، މިދިޔަ އަހަރު ތެރޭގައި އިޒްރޭލުން މިސްރަށް އެކްސްޕޯޓްކުރާ ގޭސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ބުރާސްފަތި ދުވަހު ޝާއިއުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރުގެ މެއި މަހު މިސްރުގެ އެކްސްޕޯޓް 25 މިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ 2023 ވަނަ އަހަރުގެ އެ މުއްދަތުގެ ދެގުނަ އެވެ.
މީގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިޒްރޭލަށް ވެސް އެކްސްޕޯޓް ކުރި މިންވަރު 2024 ވަނަ އަހަރުގެ މެއި މަހު 242 މިލިއަން ޑޮލަރަށް އިތުރުވެފައިވާއިރު، 2023 ވަނަ އަހަރުގެ މެއި މަހު އެކްސްޕޯޓް ކުރި މިންވަރު 238.5 މިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓުގައި ވެއެވެ.
އިޒްރޭލަށް އުރުދުންގެ އެކްސްޕޯޓް ވެސް 2024 ވަނަ އަހަރު ވެސް އިތުރުވެ، 2024 ވަނަ އަހަރުގެ މެއި މަހު 35.7 މިލިއަން ޑޮލަރަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓް 32.3 މިލިއަން ޑޮލަރަށް އަރާފައި ވެއެވެ.
އިޒްރޭލުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގައްޒާގެ ހަނގުރާމައާ ގުޅިގެން ތުރުކީގެ ޓްރޭޑް މިނިސްޓްރީން އެގައުމަށް އެކްސްޕޯޓް ކުރުމަށް ހުރަސްއެޅި ދަނޑިވަޅެއްގައި އޭގެ ކުރީ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު އިޒްރޭލަށް އެކްސްޕޯޓް ކުރާ މިންވަރު ދެބައިކުޅަ އެއްބައި ދަށްވެފައި ވެއެވެ. 2023 ވަނަ އަހަރުގެ މެއި މަހު އިޒްރޭލަށް ތުރުކީން އެކްސްޕޯޓްކުރި މުދާ 376.6 މިލިއަން ޑޮލަރަށް އަރާފައިވާއިރު، އެ އަގު 2024 ވަނަ އަހަރުގެ މެއި މަހު ވަނީ 116.8 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. ތުރުކީން އިޒްރޭލަށް މުދާ އެކްސްޕޯޓް ކުރުން މަޑުޖެއްސި ނަމަވެސް ގްރީސް މެދުވެރިވެގެން ތުރުުކީން އިޒްރޭލަށް ސިއްރުން މުދާ އެކްސްޕޯޓް ކުރާ ކަމަށް އިއްޔެ މިޑްލް އީސްޓް އައި އިން ޝާއިއުކުރި ހަބަރެއްގައި ބުނެފައި ވެއެވެ.
މިސްރާއެކު އިޒްރޭލުގެ ވިޔަފާރި 2023 ވަނަ އަހަރު 56 އިންސައްތައިން އިތުރުވެފައިވާއިރު، ހަތަރު ވަނަ ކުއާޓަރަށް ބަލާއިރު 168 އިންސައްތަ އިތުރުވެފައިވާ ކަމަށް އަބްރަހަމް އެކޯޑްސް ޕީސް އިންސްޓިޓިއުޓްގެ ރިޕޯޓުގައި ވެއެވެ.
ގައްޒާއާ ދެކޮޅަށް މިހާރު އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލާއި ހަމާސްއާ ދެމެދު މުހިއްމު މެދުވެރިއެއްގެ ގޮތުގައި މިސްރު އިން ވަނީ ހަރަކާތްތެރިވެފަ އެވެ. 1979 ވަނަ އަހަރުގެ ސުލްހައިގެ މުއާހަދާގައި ސޮއިކުރުމަށްފަހު މިސްރު އިން ވަނީ ފާއިތުވި 45 އަހަރު ތެރޭގައި އިޒްރޭލާއިއެކު ސުލްހަވެރި ގުޅުންތަކެއް ބާއްވާފަ އެވެ. މިދިޔަ މަހު ރަފާ ހުރަސްގައި އިޒްރޭލުގެ ސިފައިންނާއެކު ހިނގި ހަމަނުޖެހުމެއްގައި މިސްރުގެ ދެ ސިފައިން ވަނީ މަރުވެފަ އެވެ. ނަމަވެސް މިސްރު ސަރުކާރުން އެކަމާއި ގުޅޭގޮތުން އެެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ.
އެހެން ނަމަވެސް، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުން މިސްރަށް ރެފިއުޖީންގެ ގޮތުގައި ގެންދަން ހިޔާލުކުރުމާއިއެކު މިސްރު އިން ތިބީ އެކަމާއި ދެކޮޅަށް ކަމަށް މީޑިއާ އިން ރިޕޯޓްކޮށްފައި ވެއެވެ.