ކްލަބް މޯލްޑިވްސް ކަޕް 2025 ގައި ރޭ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގޭސް ރެކްރިއޭޝަން ކްލަބް ބަލިކޮށް ކްލަބް ވެމްކޯ އިން ގުރޫޕް ”އެފް“ ގެ އެއްވަނަ ހޯދިއިރު، ޔުނައިޓެޑް ބީއެމްއެލް އާއި ކްލަބް ޓީޓީއެސް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ވެމްކޯ އަށް ރޭ ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމުން ވަނީ ޖުމްލަ ހަތް ޕޮއިންޓު ހޯދައި، ގުރޫޕުގެ އެއްވަނަ ހޯދާފައެވެ. އަދި ބީއެމްއެލް އާއި ޓީޓީއެސް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ދެ ޓީމަށްވެސް ވަނީ ދެވަނަ ބުރުން ޖާގަ ލިބިފައެވެ. ފަސް ޕޮއިންޓާއެކު ބީއެމްއެލް އަށް ދެވަނަ ލިބުނުއިރު، ޓީޓީއެސް އަށް ވަނީ ހަތަރު ޕޮއިންޓާއެކު ތިންވަނަ ލިބިފައެވެ. ތިންވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ލިބޭ ހަތަރު ޓީމަށް ދެވަނަ ބުރުން ޖާގަ ލިބޭއިރު، އެންމެ ރަނގަޅު ނަތީޖާއެއް ހޯދީ ޓީޓީއެސް އިންނެވެ.
ވެމްކޯ އިން ރޭ ކުޅުނު މެޗުގައި އެ ޓީމުގެ އަލީ ޝިޔާހު (ޝިޔަޅޭ) ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި އެ ޓީމުގެ އަހުމަދު ބައްސާމް (ބައްކު)، އަބްދުﷲ ޖުނެއިދު (ޖޭންނެ)، އަލީ ރެޒާ، އިސްމާއިލް ވަޖީހު (ވައްޖެ)، އިބްރާހިމް މައިސާން (މައި) ގެ އިތުރުން ސޮލެމާނީ އެހްސާން ވަނީ ލަނޑު ޖަހާފައެވެ.
ބީއެމްއެލް އާއި ޓީޓީއެސް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޓީޓީއެސްގެ މުހައްމަދު ރިޒާ ވަނީ އެ ޓީމަށް ކުރިހޯދަދީފައެވެ. ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ބީއެމްއެލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުޒްދާން ހަސަން އެވެ.