ރޭގެ ދަންވަރު ބަންޑުން ޖަހާލި ”އަލްމާކް-ފިޔަ“ ލޭންޑިންގ ކްރާފްޓުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑުގެ އަޑިން ނަގައިފި އެވެ.
މި ހާދިސާ ހިނގީ ރޭގެ ދަންވަރުގެ ވަގުތެއްގައި އެވެ. ހާދިސާ ހިނގިއިރު އެ ކޮޅުވެއްޓީގައި ހަތް މީހުން ދަތުރުކުރި އެވެ. އޭގެ ތެރެއިން ހަތަރު މީހުން ވަނީ ސަލާމަތްކުރެވިފަ އެވެ.
މި ކޮޅުވެއްޓިން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މީގެ ކުރިން ވަނީ ނިޔާވެފައި އޮއްވާ ފެނިފަ އެވެ. އެއީ ގއ. ދާންދޫ، އަހުމަދު ޝިފާން (38އ) އެވެ. އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، ޝިފާންގެ ހަށިގަނޑު ވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ކަނޑުގެ އަޑިން ނަގާފަ އެވެ. ފަހުން ފެނުނީ ކާކުގެ ހަށިގަނޑެއްކަމެއް އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
މި ހާދިސާގައި ބަންޑުން ޖެހުނު ކޮޅުވެއްޓި މިހާރު ވަނީ އެއްކޮށް އަޑިއަށް ގޮސްފަ އެވެ.
މި ހާދިސާ ހިނގީ ”އަލްމާކް-ފިޔަ“ މާލެއިން ފުރައިގެން ކ. އެރިއަދޫ އަށް ދަތުރުކުރަމުން ދަނިކޮށެވެ. މިހާރު މި ކޮޅުވެއްޓީގެ ބައިތައް އޮޔާދާތީ، ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. މި ކޮޅުވެއްޓީގެ ބައިތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ކ. ތުޅާގިރީގެ އިރު ދެކުނު ސަރަހައްދުންނެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އިތުރު ސަމާލުކަމެއް ބެހެއްޓުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.