މާލެއިން މުދާ ބަރުކޮށްގެން ޅ. ނައިފަރަށް ދަތުރުކުރަމުން ދިޔަ ”ނަސްރު“ ބޯޓު އަޑިއަށް ގޮސްފި އެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި، ބޯޓު އަޑިއަށް ދިޔުމާ ގުޅިގެން އެ އުޅަނދުގައި ތިބި ފަޅުވެރިން ވަނީ ކޯސްޓްގާޑު އުޅަނދަކަށް ނެގިފަ އެވެ. ބޯޓުން ދަތުރުކޮށްފައިވަނީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ.
ޖަވިޔަނި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ސަލާމަތް ކުރި 5 މީހުންގެ ތެރެއިން 4 މީހަކު ވަނީ ނައިފަރު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި އެތަނުން އެކަކުގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބެ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ބޯޓުގައި ހުރި މުދަލާއި އެހެނިހެން ތަކެތި އޮޔާ ދާނެތީ، މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. މި ހާދިސާ އާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހދ. ނޭކުރެންދޫގައި ދުއްވާ މި ބޯޓު އަޑިއަށް ގޮސްފައިވަނީ ޅ. އޮޅުވެލިފުށި ކައިރިންނެވެ. ބޯޓު އަޑިއަށް ގޮސްފައިވަނީ މިއަދު 13:22 އެހާކަން ހާއިރުކަމަށް ފުލުހުން ބުނެ އެވެ.
މުދާ އުފުލާ ބޯޓެއް އަޑިއަށް ގޮސްފައިވާއިރު ރޭ ދަންވަރު ކޮޅުވެއްޓިއެއްވެސް ވަނީ ބަންޑުން ޖަހާލާފަ އެވެ. އެ ހާދިސާގައި 3 މީހަކު ގެއްލުނު އިރު މިހާރު ދެ މީހަކު ވަނީ ހޯދިފަ އެވެ. ނަމަވެސް އެ ދެ މީހުންވެސް ފެނުނު އިރު ވަނީ ނިޔާވެފަ އެވެ.
މި ދުވަސްވަރަކީ ކަނޑު ގަދަ ދުވަސްވަރަކަށްވުމުން ކަމާ ބެހޭ އިދާރާތަކުން އަންނަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމުންނެވެ. އަދި މިފަދަ ދުވަސްވަރުގައި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އަބަދުވެސް އިދާރާތަކުން އިލްތިމާސް ކުރެ އެވެ.