ކްލަބް މޯލްޑިވްސް ކަޕް 2025 ގައި ރޭ އިބްރާހިމް ނަދާދު (ކުޑައްޓޭ) ގެ ހެޓްރިކާއެކު 4-2 ގެ ނަތީޖާއަކުން ދިރާގު ބަލިކޮށް، މޯލްޑިވިއަނުން ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފިއެވެ.
މޯލްޑިވިއަން ގަދަ 16 ބުރަށް ދަތުރުކުރީ ގުރޫޕް ”އެފް“ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ދިރާގުން ވަނީ ގުރޫޕް ”ޑީ“ ގެ ދެވަނަ ހޯދާފައެވެ.
ހުޅުމާލޭ ރެހެނދި ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ނުވަވަނަ މިނެޓުގައި މުހައްމަދު އަބްދުﷲ ވަނީ ލަނޑެއް ޖަހައި މޯލްޑިވިއަން އަށް ކުރިހޯދަދީފައެވެ. މިއާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން، ދިރާގުން ވަނީ ގާތްގާތު ދެ ލަނޑު ޖަހައި ނަތީޖާ އަނބުރާލާފައެވެ. އެ ޓީމުގެ ދެ ލަނޑު ޖެހީ މުހައްމަދު ޝަނީޒް އާއި އަޝްފާގް އަހުމަދެވެ. ދިރާގުން ލީޑު ނެގިތާ މާ ގިނަ އިރުތަކެއް ނުވަނީސް ކުޑައްޓޭ ވަނީ ލަނޑެއް ޖަހައި މޯލްޑިވިއަން އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މެޗުގެ ފަހު ވަގުތާ ހަމަޔަށް ދެ ޓީމުން ލީޑު ނެގުމަށް މަސައްކަތް ކުރިއިރު، މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކުޑައްޓޭ ވަނީ އިތުރު ލަނޑެއް ޖަހައި މޯލްޑިވިއަން އަށް ކުރިހޯދަދީފައެވެ. އަދި އޭގެ މިނެޓެއް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ.
ގަދަ 16 ބުރުގެ ފަހު ހަތަރު މެޗު މިރޭ ކުރިޔަށްދާއިރު، މޯލްޑިވިއަންގެ އިތުރުން އާރްއާރްސީ، ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަދި އެމްއޭސީއެލް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.