ދިގައްޔާއި އާއްޓެއަށް ކުރަނީ ސިނގިރޭޓް ވައްކަން ރޭވުމާއި ފަންޑުކުރިކަމުގެ ތުހުމަތު

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ދެ ކޮންޓެއިނާ ސިނގިރޭޓުގެ މައްސަލަގައި ހައްޔަރުކުރި މުހައްމަދު ވަހީދު (ދިގަލި) އަދި އަހުމަދު އާރިފް (އާއްޓޭ) އަށް އެކަން ރޭވުމާއި ފަންޑުކުރުމުގެ ތުހުމަތުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރު ކުރި އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހާފައިވަނީ 10 ދުވަހެވެ. ދެން ހައްޔަރު ކުރި ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ އާއި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލްގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ.

ދިގަލި އަދި އާއްޓޭގެ ބަންދު އަމުރުގައި ބުނެފައިވަނީ، އެ ދެމީހުންގެ މައްޗަށް އެކަން ރޭވުމާއި މިކަން ހިންގުމަށް ފަންޑު ކުރިކަމުގެ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ.

”މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ގިނަ ބަޔަކު ބައިވެރިވެގެން އެމްޕީއެލްގެ ތެރޭގައި ހިފަހައްޓާފައި ހުރި ކޮންޓެއިނަރެއް ރާވައިގެން ގަވައިދާއި ހިލާފަށް ވަގަށް ބޭރުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ. އަދި މިކަން ރޭވުމާއި މި އަމަލު ހިންގުމަށް ފަންޑު ކުރިމަމަށް މީނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި އެބަހުރި.“ ދިގަލި އަދި އާއްޓޭގެ ބަންދު އަމުރުގައި ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އިތުރު 12 މީހަކު ފުރުން މަނާކޮށްފައިވާއިރު ވެހިކަލްތަކަކާއި ބައެއް އިތުރު ތަންތަން ބަލާފާސްކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ. އަދި މި މައްސަލައިގައި އެމްޕީއެލްގެ 6 މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑްކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު މި ސިނގިރޭޓްތައް ހުރީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގަ އެވެ. މިއީ ޖުމްލަ 1،360 ކޭސް ސިނގިރޭޓެވެ. ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި މި ސިނގިރޭޓްތަކުގެ ޑިއުޓީއަށް 122 މިލިއަން ރުފިޔާ އަރަ އެވެ.

މި ސިނގިރޭޓްތައް ވަގަށް އެތެރެކުރަން އުޅެނިކޮށް ފަޅާއެރީ މި އަހަރުގެ އޭޕްރީލް މަހުގަ އެވެ. އޭގެ ފަހުން މި ދެ ކޮންޓެއިނަރު ހުރީ އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ބަހައްޓާފަ އެވެ.

އެމްޕީއެލްއިން ބުނީ ކަސްޓަމްސްއިން ހިފަހައްޓާފައިވާ ދެ ކޮންޓެއިނަރއެއް އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ އިންޓަނޭޝަނަލް ޓަރމިނަލްގައި ހުއްޓާ ގެއްލުނު މައްސަލަ ފާހަގަވީ 8 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ރޭކަމަށެވެ. އަދި މައްސަލަ ފާހަގަވި ވަގުތުން ފެށިގެން އެ ކުންފުނިން އެތެރޭގެ ތަހުގީގެއް ފަށާފައިވާކަމަށް އެމްޕީއެލްއިން ބުނެ އެވެ.

ކްރިމިނަލް ކޯޓު ދެ ކޮންޓެއިނާ ސިނގިރޭޓްގެ ވައްކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ