ޕެނަލްޓީގައި އެސްޓީއޯ އިން ޗެމްޕިއަން ވެމްކޯ ކަޓުވާލައިފި

Advertisement

އެންމެ ފަސް

Advertisement

ކްލަބް މޯލްޑިވްސް ކަޕް 2025 ގެ ގަދަ 16 ބުރުގައި ރޭ އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ޕެނަލްޓީ ޖަހައިގެން އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ ކަޓުވާލައިފިއެވެ.

މުބާރާތުގެ ގަދަ 16 ބުރުގެ ފަހު މެޗުތައް ރޭ ކުޅެފައިވާއިރު އެސްޓީއޯ އިން ކުއާޓާގެ ޖާގަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ ބަލިކުރުމަށްފަހުއެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު ދެ ޓީމު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެސްޓީއޯ އިން މެޗު ކާމިޔާބުކުރީ ޕެނަލްޓީގައި 6-5 ގެ ނަތީޖާއަކުން ކުރިހޯދައިގެނެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހަރި ކުރިހޯދީ ވެމްކޯ އިންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ. އޭގެފަހުން، ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ހުޒެއިފަތު ރަޝީދު (ހުޒޭ) ވަނީ އެސްޓީއޯ އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ، އަލީ ރިޒާ އަނެއްކާވެސް އެ ޓީމަށް ލީޑު ނަގައިދިންއިރު، އެސްޓީއޯ އަށް ދެވަނަ ފަހަރަށްވެސް ނަތީޖާ ހަމަހަމަ ކޮށްދިނީ ހުޒޭ އެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެނެވެ.

އެސްޓީއޯ އިން ވަނީ ޖެހި ހަ ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އިސްމާއިލް އީސާ (މެސީ)، އިޔާން އަހުމަދު ރަޝީދު، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އަދި އަލީ އިފާޒް އެވެ. އެ ޓީމުހެ އަލީ ހުމޭޒާއި އަލީ ހަ އިސަމް (ޗުމްޕު) ގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

ވެމްކޯ އިން ޖެހި ހަ ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ފާއްޓެ އާއި އަލީ ޝިޔާހު (ޝިޔާ) ގެ އިތުރުން އަބްދުﷲ ޖުނެއިދު (ޖޭންނެ) ގެ ޕެނަލްޓީއެވެ. އެ ޓީމުގެ ބިދޭސީ ދެ ކުޅުންތެރިންނާއި އިސްމާއިލް ވަޖީހު (ވައްޖެ) ގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި އަންނަ ހުކުރު ދުވަހުގެ ރޭ އެސްޓީއޯ ނިކުންނާނީ ކްލަބް އެމްޓީސީސީ އާ ދެކޮޅަށެވެ.

ކްލަބް މޯލްޑިވްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ