ކްލަބް މޯލްޑިވްސް ކަޕް 2025 ގައި ރޭ ފަހަތުން އަރައި 6-2 ގެ ނަތީޖާއަކުން ޔުނައިޓެޑް ބީއެމްއެލް ބަލިކޮށް، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
އާރްއާރްސީ އިން ގުރޫޕް ”ބީ“ ގެ އެއްވަނަ ހޯދިއިރު، ބީއެމްއެލް ގަދަ 16 ބުރުން ޖާގަ ހޯދީ ގުރޫޕް ”އެފް“ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ރޭގެ މެޗު ފެށިގެން އަށްވަނަ މިނެޓުގައި ޝަނާން ރަޝާދު ވަނީ ލަނޑެއް ޖަހައި އާރްއާރްސީ އަށް ކުރިހޯދަދީފައެވެ. ނަމަވެސް، ބީއެމްއެލް އިން ވަނީ ގާތްގާތު ދެ ލަނޑު ޖަހައި ލީޑު ނަގާފައެވެ. އެ ޓީމުގެ ދެ ލަނޑު ޖެހީ އިޝާން އިބްރާހިމް (ސައްޓު) އާއި މުޒްދާން ހަސަން އެވެ.
އާރްއާރްސީ އިން މެޗު ކާމިޔާބުކުރީ ބީއެމްއެލް އިން ލީޑު ނަގާފައިވަނިކޮށް، ފަހަތުން އަރައި ފަސް ލަނޑު ޖަހައިގެނެވެ. އެގޮތުން، ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އަހުމަދު އަފްލާޒް ވަނީ ލަނޑު ޖަހައި އާރްއާރްސީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި އާދަމް ނާސިހު (އާދަންނަ) އާއި އިބްރާހިމް އަސްވަދު (ގަބޭ) ގާތްގާތު ޖެހި ދެ ލަނޑާއެކު އާރްއާރްސީ އިން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާއެކުއެވެ.
ދެވަނަ ހާފު ފެށިގެން ބީއެމްއެލް އިން ވަނީ ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް، މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އާދަންނަ ވަނީ އިތުރު ލަނޑެއް ޖަހައި އާރްއާރްސީ އަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ޕަވާ ޕްލޭގައި ކުރިޔަށް އަރައި އޮތް ބީއެމްއެލްގެ ކީޕަރު މުހައްމަދު ޝަފީއު އަތުން ބޯޅަ ހޯދުމަށްފަހު ޝަނާން ވަނީ އާރްއާރްސީގެ ހަވަނަ ލަނޑު ޖަހާފައެވެ.
ގަދަ 16 ބުރުގެ ފުރަތަމަ ހަތަރު މެޗު ރޭ ކުޅުނުއިރު، ފަހު ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭގައެވެ.