ކްލަބް މޯލްޑިވްސް ކަޕް 2025 ގައި ރޭ ޓީމް ފެނަކަ އިން 1-0 ގެ ނަތީޖާއަކުން މޯލްޑިވިއަން ބަލިކޮށް ގުރޫޕު ”ޑީ“ ގެ އެއްވަނަ ހޯދައިފި އެވެ.
ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ފެނަކަ އިން ގުރޫޕުގެ އެއްވަނަ ހޯދީ ޖުމްލަ ހަތް ޕޮއިންޓާއެކު އެވެ. އަދި ހަ ޕޮއިންޓާއެކު ދެވަނަ ލިބުނީ މޯލްޑިވިއަން އަށެވެ. ރޭ 5-1 ގެ ނަތީޖާއަކުން ޕްރިޒަން ކްލަބް ބަލިކޮށް ޓީމް އެފްއެސްއެމް އިން ވަނީ ޖުމްލަ ހަތަރު ޕޮއިންޓު ހޯދާފަ އެވެ. ގުރޫޕް ސްޓޭޖުގައި ތިންވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ކަޓާނީ އެންމެ ދަށް ނަތީޖާ ލިބޭ ދެ ޓީމެވެ. އެގޮތުން، މިހާތަނަށް އެންމެ ދަށް ނަތީޖާއެއް ލިބިފައިވަނީ ކްލަބް އިމިގްރޭޝަނާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ކަމުން، އެފްއެސްއެމް އަށްވެސް ވަނީ ދެވަނަ ބުރުން ޖާގަ ކަށަވަރުވެފަ އެވެ.
ފެނަކަ އާއި މޯލްޑިވިއަން ބައްދަލުކުރި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިފައިވާއިރު، މޯލްޑިވިއަން އިން ވަނީ ފެނަކަގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާފަ އެވެ. ނަމަވެސް، ފެނަކަގެ ކީޕަރު އަހުމަދު ހުޝާމް (ގުންޒާލޯ) ވަނީ އިދިކޮޅު ޓީމުގެ ހަމަލާތައް ހުއްޓުވާފަ އެވެ.
ފެނަކަ އިން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ ދެވަނަ ހާފު ފެށިގެން މެޗުގެ ނުވަވަނަ މިނެޓުގަ އެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ ހާޒިމް ފައުޒީ (ހަތީ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެނަކަގެ ކީޕަރު ގުންޒާލޯ އެވެ.
އެފްއެސްއެމް އާއި ޕްރިޒަން ބައްދަލުކުރި މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ހުޒޭފާ އިބްނު ހުސައިން ވަނީ ލަނޑެއް ޖަހައި އެފްއެސްއެމް އަށް ކުރިހޯދަދީފަ އެވެ. ނަމަވެސް، އޭގެ ތިން މިނެޓު ފަހުން މުރުތަޖާ މުހައްމަދު ވަނީ ޕްރިޒަން އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
އެފްއެސްއެމް އިން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގަ އެވެ. އެގޮތުން، ދެވެނަ ހާފުގައި އެ ޓީމުން ވަނީ ހަތަރު ލަނޑު ޖަހައި ބޮޑު ލީޑެއް ނަގާފަ އެވެ. ދެވަނަ ހާފުގައި އެ ޓީމުގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ދެ ލަނޑު ޖެހިއިރު، މުހައްމަދު މާކިން އާއި މުހައްމަދު ނާފިއު އަހުމަދު ވަނީ ލަނޑު ޖަހާފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެފްއެސްއެމްގެ ސާނޭ އެވެ.