އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ޗެލްސީން 2-0 ގެ ނަތީޖާއަކުން ފުލަމް ބަލިކުރިއިރު، ރެފްރީ ރޮބަޓް ޖޯންސް އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި ޖޯޝް ކިންގް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން އަންގައިގެން، ދަނޑުގައި ހުރި މޮނިޓަރުން ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑެއް ނޫން ކަމަށެވެ. ރެފްރީ ނިންމީ، ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކުރިއިރު، ޗެލްސީގެ ޓްރެވޯ ޗަލޯބާ އަށް ފުލަމްގެ ރޮޑްރިގޯ މުނީޒް ފައުލް ކުރި ކަމަށެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޮއާއޯ ޕެޑްރޯ ވަނީ ލަނޑު ޖަހައި ޗެލްސީއަށް ކުރިހޯދަދީފައެވެ. މިއީ ބްރައިޓަން އިން ޗެލްސީއަށް 55 މިލިއަން ޕައުންޑަށް ބަދަލުވުމަށްފަހު އޭނާ ޖެހި ފަސްވަނަ ލަނޑެވެ.
ދެވަނަ ހަފު ފެށިގެން މެޗުގެ 56 ވަނަ މިނެޓުގައި ޗެލްސީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެއީ ފުލަމްގެ އޭރިއާ ތެރެއިން އެ ޓީމުގެ ރަޔަން ސެސެގްނޮންގެ އަތުގައި ބޯޅައިން ޖެހުމުން ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް، އެންޒޯ ފެނާންޑޭޒް ވަނީ ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ. ޗެލްސީއަށް ޕެނަލްޓީ ދިނުމާއެކު ފުލަމްގެ ކޯޗު މާކޯ ސިލްވާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މި ނަތީޖާއާއެކު، ޗެލްސީން ވަނީ ތިން މެޗުން ހަތް ޕޮއިންޓު ހޯދާފައެވެ. އެ ޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ.