އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހުވަގުތު މަތައިސް ޑި ލިޓް ޖެހި ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑުން ޓޮޓެންހަމް ކައިރިން 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފި އެވެ.
ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން 32 ވަނަ މިނެތުގައި އަމަދު ޑިއާލޯ ނަގައިދިން ހުރަހަކުން ބްރަޔަން އެމްބުއޭމޯ ވަނީ ލަނޑެއް ޖަހައި ޔުނައިޓެޑަށް ކުރިހޯދަދީފަ އެވެ. އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑަކާއެކު އެވެ.
މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ އާއި މިކީ ވެން ޑި ވެން އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް، ޔުނައިޓެޑުގެ ކީޕަރު، ސޭން ލަމެންސް ވަނީ އިދިކޮޅު ޓީމުގެ ހަމަލާތައް ހުއްޓުވާފަ އެވެ.
ޓޮޓެންހަމް އިން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މަތީސް ޓެލް އެވެ.
އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ރިޗާލިސަން ވަނީ ލަނޑު ޖަހައި ފުރަތަމަ ފަހަރަށް ޓޮޓެންހަމް އަށް ކުރިހޯދަދީފަ އެވެ.
ޔުނައިޓެޑުން ވަނީ ފަހު ވަގުތާ ހަމަޔަށް ލަނޑެއް ޖެހުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، އެ ޓީމުގެ ފަސް ބަދަލު ހަމަވި ފަހުން ބެންޖަމިން ސެސްކޯ އަށް އަނިޔާވުމާ ގުޅިގެން ޔުނައިޓެޑުން މެޗު ނިންމާލަން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ޔުނައިޓެޑަށް ލިބުނު ކޯނަރަކުން ޑި ލިޓް ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
މިވަގުތު ތާވަލަށް ބަލާއިރު، ޔުނައިޓެޑު އޮތީ އަށް ވަނައިގައެވެ. ޓޮޓެންހަމް އޮތީ ފަސްވަނައިގައެވެ. މި ދެ ޓީމަށްވެސް ލިބިފައިވަނީ 18 ޕޮއިންޓެވެ.
