ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް އަށް އަނިޔާވުމާ ގުޅިގެން، އިންގްލެންޑް ގައުމީ ޓީމު ސްކޮޑުން ބާކީ ކޮށްފިއެވެ.
ޖޭމްސް އަށް އަނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ލިވަޕޫލް އަތުން ޗެލްސީ މޮޅުވި މެޗުގައެވެ. އިންގްލެންޑް ސްކޮޑުން ޖޭމްސް ވަކިކުރުމަށްފަހު، އެ ޖާގަ ދިނީ މެންޗެސްޓާ ސިޓީގެ ނިކޯ އޯ’ރެއިލީ އަށެވެ.
ޖޭމްސް ވަނީ ލިވަޕޫލް މެޗަށްފަހު، އިންސްޓަގްރާމްގައި ފޮޓޮއެއް ހިއްސާކޮށްފައެވެ. އަދި އޭނާ އަށް އަނިޔާވި ކަން އެ ޕޯސްޓުގައި އިއުލާނުކޮށްފައިވެއެވެ.
އިންގްލެންޑުގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅެމުން އަންނަ އޯ’ރެއިލީ އަށް ވަނީ ސީނިއާ ޓީމުން ޖާގަ ލިބިފައެވެ. އަންނަ ބުރާސްފަތި ދުވަހު ވޭލްސް އާ ދެކޮޅަށް ކުޅޭއިރު، އަންގާރަ ދުވަހު އިންގްލެންޑް ނިކުންނާނީ ލަޓްވިއާ އާ ދެކޮޅަށެވެ.
އުމުރުން އަށް އަހަރުން ފެށިގެން ސިޓީއަށް ކުޅެމުން އަންނަ އޯ’ރެއިލީ ވަނީ މިދިޔަ ސީޒަނުގައި ސިޓީގެ ސީނިއާ ޓީމަށް 21 މެޗު ކުޅެ، ފަސް ލަނޑު ޖަހާފައެވެ.
މިދިޔަ ސީޒަނުގައި ސިޓީއިން ފީފާ ކްލަބް ވޯލްޑް ކަޕިގައި ވާދަކުރިއިރު، ސިޓީގެ ސްކޮޑުގައި އޯ’ރެއިލީ ހިމަނާފައިވެއެވެ. މި ސީޒަނުގައި އޭނާ ވަނީ މިހާތަނަށް ނުވަ މެޗު ކުޅެފައެވެ.