އެމްއޭސީއެލްއިން މިމަހު: އާ ޓާމިނަލްގެ ހިންގުން މެކުހަށް، ރީޖަނަލް އެއާޕޯޓުތަކަށް ބޮޑު އަހައްމިއްޔަތުކަމެއް

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަކީ ދިވެހިރާއްޖޭގެ ވައިގެ ބަނދަރުތައް ތަރައްޤީކޮށް ހިންގުމުގެ މަސްއޫލިއްޔަތު އުފުލަމުންދާ ކުންފުންޏެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގަމުން އައި އެމްއޭސީއެލްއިން މިހާރު ވަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ ދަށުން ހިންގަމުން އައި އެއާޕޯޓުތަކާވެސް ހަވާލުވެފަ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއާޕޯޓުތައް ގާއިމު ކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ.

މި މަހު އެމްއޭސީއެލްއިން ވަނީ ގިނަގުނަ ކުރިއެރުންތަކެއް ހޯދައި، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ. އެގޮތުން ވީއައިއޭގެ އާ ޓާމިނަލްގެ ހިންގުމަށް އައި ކުރިއެރުންތަކާއި އެމްއޭސީއެލްއިން ހަވާލުވި އާ އެއާޕޯޓުތަކުގެ ހާލަތު ބަލާ ރަނގަޅު ކުރަން ހުރި ކަންކަން ފެށުމާއި އާ އެއާޕޯޓުތަކެއް ގާއުމު ކުރުމުގެ މަސައްކަތްތަކާ ހަވާލުވުން ހިމެނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ ކުރިއެރުންތައް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ވަނީ މި މަހުގެ ތެރޭގައި ގިނަ އެއާލައިންތަކަކަށް ޚިދުމަތް ދޭން ފަށާފަ އެވެ. މީގެ ތެރޭގައި އިންޑިއާގެ އެންމެ ބޮޑު އެއާލައިންކަމަށްވާ އިންޑިގޯ، ބަޓިކް އެއާ، ބެންކޮކް އެއާވޭސް އަދި ބެއިޖިންގް ކެޕިޓަލް އެއާލައިންސް ހިމެނެ އެވެ. މި އެއާލައިންތަކަށް ޓާމިނަލް 1 އިން ހިދުމަތް ދޭން ފަށާފައިވާއިރު ޓާމިނަލް 1 އަށް ޖެއްސި އެ އެއާލައިންތަކުން ފުރަތަމަ ފްލައިޓަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި އެ ފްލައިޓުތަކުން ރާއްޖެ އައި ފަތުރުވެރިންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

އާ ފަސިންޖަރު ޓާމިނަލްގެ ހިދުމަތްތައް އިތުރު ކުރަމުން ދާއިރު އެމްއޭސީއެލްއިން ވަނީ ވީއައިއޭގެ އާ ޓާމިނަލްގެ ދެވަނަ ފަންގިފިލާގައި ތަރައްޤީކޮށްފައިވާ ”ކޮވެލި ލައުންޖް“ ހުޅުވާފަ އެވެ. މި ލައުންޖަކީ 1,230 އަކަމީޓަރުގެ ބޮޑު ސަރަޙައްދެއްގައި ގާއިމުކޮށްފައިވާ ލައުންޖެކެވެ. މި ލައުންޖަކީ އެއްފަހަރާ 270 ފަސިންޖަރުންނަށް ޚިދުމަތް ދެވޭ، ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ޚާއްޞަ ސަރަޙައްދެއް، ބުފޭ ސަރވިސް އަދި ފެންވަރާ ސަރަޙައްދު ހިމެނެ އެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި ކުޑަކުދިންގެ ބޭބީ ކެއާއަށް ޚާއްސަ ކޮޓަރިތައްވެސް މި ލައުންޖުގައި ހިމެނިފައިވެ އެވެ.

ރީޖަނަލް އެއާޕޯޓްތަކުގެ ތަރައްޤީ

އެމްއޭސީއެލްއިން ވަނީ މި މަހުގެ ތެރޭގައި ރާއްޖޭގެ ބައެއް އަތޮޅުތަކުގައި އެއާޕޯޓު ގާއިމު ކުރުމުގެ މަސައްކަތާ ހަވާލުވުމުގެ އިތުރުން ބައެއް ރަށްރަށުގައި އަމަލީ މަސައްކަތް ފަށާފަ އެވެ. އެގޮތުން ފ. ނިލަންދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތާ އެމްއޭސީއެލްއިން ހަވާލުވި އިރު ތ. ވިލުފުށީ އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. ނިލަންދޫގައި އަޅާ އެއާޕޯޓް ވެގެންދާނީ 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ އެއާޕޯޓަކަށެވެ. ނިލަންދޫ އެއާޕޯޓްގެ މަސައްކަތް އެމްއޭސީއެލްއަށް ހަވާލުކޮށްފައިވަނީ ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާ ގޮތަށެވެ.

ވިލުފުށީ އެއާޕޯޓު ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވާއިރު މި އެއާޕޯޓުގައިވެސް ގާއިމު ކުރަން ނިންމާފައިވަނީ 1,800 މީޓަރު ދިގު ރަންވޭ އެކެވެ. މި އެއާޕޯޓުގައި ފުރިހަމަ ޓާމިނަލްއަކާއި އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ތަރައްގީކުރެވޭނެ އެވެ.

އާރްއޭސީއެލްއިން ހިންގަމުން އައި 9 ޑޮމެސްޓިކް އެއާޕޯޓެއް އެމްއޭސީއެލްއާ ހަވާލު ކުރި އިރު އެމްއޭސީއެލްއިން މި މަހު ވަނީ މި 9 ޑޮމެސްޓިކް އެއާޕޯޓްގެ ހާލަތު ދެނެގަތުމަށްފަހު، އެ އެއާޕޯޓްތައް ހަރުދަނާކުރުމުގެ މަސައްކަތް ފަށާފަ އެވެ. މި މަސައްކަތުގެ ތެރޭގައި ކުންފުނީގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ވަނީ އެ އެއާޕޯޓްތަކަށް ޒިޔާރަތްކޮށް، އެތަންތަނުގެ ހާލަތު ވަޒަންކޮށްފަ އެވެ. އަދި އެއަރޕޯޓްތަކުގެ ތަރައްޤީއަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މި ކުރިއެރުންތަކަކީ ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ގެނެސްދޭނެ ކަންކަމެވެ. ޚާއްޞަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ ތަރައްޤީއާއި، ރީޖަނަލް އެއާޕޯޓްތަކުގެ ތަރައްޤީގެ މަސައްކަތްތަކަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅުތަކެކެވެ.

އެމްއޭސީއެލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ