ށ. ފުނަދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް، އެ އެއާޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ އަމަލީ މަސައްކަތް މިރޭ ފަށައިފި އެވެ.
މި މަޝްރޫ ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުނަދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ފުނަދޫގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރުގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އަދި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެމްއޭސީއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ މި މަޝްރޫގެ ދަށުން ފަސިންޖަރުންނަށް ހަމަޖެހިލައިގެން ތިބެވޭނެ ވަސީލަތްތައް ގާއިމުކުރެވޭނެ ކަމަށެވެ. މީގެ ތެރޭގައި ލައުންޖާއި ރެސްޓޯރެންޓު އަދި ޓާމިނަލަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ހިމެނެ އެވެ. އަދި ލަގެޖް ބެލްޓުވެސް މި މަޝްރޫއުގެ ދަށުން ގާއިމުކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މި މަޝްރޫ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ރޭގަނޑު ފްލައިޓް ޖެއްސޭނެ ގޮތަށް ލައިޓް ޖެހުމާއި، ޒަމާނީ ފެންވަރުގެ ލައުންޖެއް އަދި ރެސްޓޯރެންޓެއް ހެދުމުގެ އިތުރުން ޓާމިނަލްގެ ފެންވަރު މަތިކުރެވޭނެ ކަމަށެވެ.
ފުނަދޫ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. އަދި ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގުމިނަކީ 150 މީޓަރެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއޭސީއެލް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު