ސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންދަނީ ވަރަށް ތަރުތީބުކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރެއްވާ ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތްތައް ކުރިއަށް ގެންދަނީ ޕްލޭންކޮށްގެންނެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކޮންމެވެސް ގޮތަކަށް ފަށައި، ދެން ވާނެ ގޮތެއް ނުރާވައި ނޫން ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.
ބިން ހިއްކުމުގެ މަޝްރޫޢުތައް އެމްއޭސީއެލްއާ ހަވާލުކުރުމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެ މަސައްކަތްތައްވެސް ކުރިއަށް ގެންދަނީ އެކަމަށް ވާންޖެހޭ ތައްޔާރީތަކާއެކު ތަރުތީބުން ކަމަށެވެ. މިގޮތުން އެމްއޭސީއެލްއާ އެކަނިވެސް އެހެން އަތޮޅުތަކުގެ ބައެއް މަޝްރޫޢުތަކާއި އެއަރޕޯޓު އެޅުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެމްއޭސީއެލްއިން ވަނީ ބޭރުގެ އެންމެ ފެންވަރު ރަނގަޅު ޑްރެޖަރު ގެންގުޅޭ ދެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މިގޮތުން އެއް ކުންފުނީގެ ތިން ޑްރެޖަރެއް މި އަހަރު ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ރައީސް ހާމަކުރެއްވި އެވެ.
އެމްއޭސީއެލް އިން ބިން ހިއްކުމުގެ މަސައްކަތަށް ގެންނަ ކޮންނަ ބޯޓުތައް އަންނާނެ ތާރީހުތައް:
- ގާތްގަނޑަކަށް 11000 ޓަނުގެ ޑްރެޖަރެއް މިމަސް ނިމޭއިރު ރާއްޖެ ގެނެވޭނެ
- ނޮވެމްބަރު މަހުގެ 3 ވަނަ ހަފުތާގެ ތެރޭގައި 40000 ޓަނުގެ ޑްރެޖަރެއް ރާއްޖެ ގެންނާނެ
- އެ ޑްރެޖަރު [40000 ޓަނުގެ] މަސައްކަތް ކުރާނީ ރަސްމާލޭގައި
- 3 ވަނަ ޑްރެޖަރު ރާއްޖެ ގެންނާނީ ޑިސެމްބަރު މަހުގެ ތެރޭގައި
- އެ ޑްރަޖަރު [3 ވަނަ] ހއ. ދިއްދޫގެ ޕްރޮޖެކްޓު 3 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާނެ
ރައީސް ވިދާޅުވި ގޮތުގައި ފުރަތަމަ ޑްރެޖަރު މި މަހު ނިމުމުގެ ކުރިން އައިސް ވިލުފުށީ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ އެވެ. ދެވަނަ ޑްރެޖަރު މިއަންނަ މަހު އައިސް ރަސްމާލެގައި މަސައްކަތް ކުރާނެ ކަމަށާއި، ތިންވަނަ ޑްރެޖަރު ޑިސެންބަރު މަހު އައިސް ދިއްދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމަށްފަހު ށ. އަތޮޅުގެ އެއަރޕޯޓު އަޅާ ރަށްތަކުގެ ބިން ހިއްކާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ރައްޔިތުންނާ ގާތަށް އަންނަނީ މަސައްކަތް ފެށުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ފުރިހަމަކުރުމަށްފަހުގަ އެވެ. ”ހަމަ ވަރަށް ގިނަ މަސައްކަތްތަކެއް ބިހައިންޑް ދަ ކްލޯޒްޑް ޑޯސް އަޅުގަނޑުމެންނަށް ރައްޔިތުންނަށް ސީދާ މިހިން އަދި ނުފެނި ދިޔަޔަސް އިދާރީ ގޮތުން އޮފީސްތަކުގައި މަސައްކަތްތަކެއް ކުރެވިގެން އަޅުގަނޑުމެން ރައްޔިތުން ގާތަށް މިއަންނަނީ ކަންކަމައިގެން,“ ރައީސް ވިދާޅުވިއެވެ.
މިއަދު ފެށިގެން ދިޔަ ކޮމަންޑޫ އެއާޕޯޓުގެ މަޝްރޫއުއަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ މި އެއާޕޯޓުގެ މަސައްކަތް ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާނެ ކަމަށެވެ. އަދި މި މަޝްރޫއުއަށް ބޭނުންވާ 48.8 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުވެސް ހަލުވި ކަމާއެކު ބާރު ސްޕީޑުގައި ކުރިއަށް ދާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވި އެވެ.