ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާ ދެކޮޅަށް ދެއްކެވި ވާހަކަފުޅުތަކަށް ޖުމްހޫރީ ޕާޓީން ވަހޫނު ރައްދެއް ދީފި އެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވި ގޮތުގައި، އަމިއްލަ ޕާޓީގެ ހޮޅުއަށީގައި އިނދެގެން ޤާސިމް އިބްރާހީމާމެދު މީހުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުތައް އެ ޕާޓީން ކުށްވެރިކުރެއެވެ. އަލީ ސޯލިހް އިތުރަށް ވިދާޅުވީ، ތިންހާސް މީހުން ހަމަނުވާ ޕާޓީއެއްގެ ހޮޅުއަށްޓެއްގައި އިނދެ ބުހުތާނު ވާހަކަ ދެއްކުމުގައި ދުވަސްތައް ހޭދަކުރާއިރު، ޔާމީން ދައްކަވަނީ ކޮން ވާހަކައެއްކަން ވެސް މޭރުމެއް ނެތް ކަމަށެވެ.
”އޮނަރަބަލް ޤާސިމް އިބްރާހިމް އެއްވެސް ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ބޭނުންފުޅުވެގެން ނޫޅުއްވާ. އެމަނިކުފާނު މަޖިލިސްކުރާ ގޭގައި ނޫސްވެރިންނާ ބައްދަލު ކުރެއްވީ މިއަދުގެ ސިޔާސީ މަސްރަހާއި ގައުމުގެ ހާލަތާމެދު އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް ހާމަކުރެއްވުމަށް,“ އަލީ ސޯލިހް ވިދާޅުވި އެވެ.
އަލީ ސޯލިހް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ބޮޑު ވައްކަން ހިންގާފައިވާ ކަމަށާއި، ވެރިކަމަށް އައިއިރު އަތުގައި އެއްޗެއް ނެތް ނަމަވެސް، ފޭބިއިރު ގިނަ މުދަލާއި އިމާރާތްތައް ހުރި ކަމަށް ވެސް ވިދާޅުވި އެވެ.
”އެއްވެސް ވެރިކަމެއްގައި ނުހައްގު މުއްސަނދިކަމެއް ހޯދުމަށް އޮނަރަބަލް ޤާސިމް އިބްރާހީމް އެއްވެސް ބާވަތެއްގެ އަމަލެއް ނުހިންގަވާ. ނުގަވާއިދުން ހޯއްދެވި ފަޅެއް، ފަރެއް، ފިނޮޅެއް، ގިރިއެއް ނޯންނާނެ. އަދި ބިމެއްވެސް ތަނެއްވެސް ފައިސާފޮށިގަނޑެއްވެސް ހޯއްދަވައިފައި ނުވޭ,“ އަލީ ސޯލިހް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އިތުރަށް ފާހަގަކުރެއްވީ، ޤާސިމް އިބްރާހީމަކީ ދީލަތިކަމުގެ ނަމޫނާއެއް ކަމަށާއި، އާސަންދަޔާއި ބޭސްފަރުވާގެ ހިލޭއެހީގެ ނިޒާމު ނެތް ޒަމާނުގައިވެސް އަމިއްލަފުޅު ޖީބުން ރައްޔިތުންނަށް ބޭސްފަރުވާގެ އެހީތެރިކަން ދެއްވާފައިވާ ކަމަށެވެ. އަދި ތައުލީމީ ދާއިރާއަށް ވެސް ޤާސިމް އިބްރާހީމް ވަނީ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ކަމަށް ވެސް އަލީ ސޯލިހް ވިދާޅުވި އެވެ.