ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން މައްސަލާގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް، މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރުކޮށްފި އެވެ.
އޭސީސީގެ އަމުރުގައިވާ ގޮތުން، 2019 ވަނަ އަހަރު ބޭއްވި ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީގައި ފައްޔާޒް ބައިވެރިވެ، އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ސްވިފްޓް އިންޖިނިއަރިންއަށް އެކަށީގެންނުވާ ބަދަލެއް ދީ، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިން ކަމަށް ތުހުމަތުކުރެވެ އެވެ.
ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީގެ ކުންފުނި ކަމަށްވާ ސްވިފްޓް އިންޖިނިއަރިންގ އާ ގުޅޭ މި މައްސަލާގައި، ސައުދުﷲ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަތުލި މަޝްރޫތަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާ ނުދީ އަތުލި މަޝްރޫތަކާ އެއް އަގެއްގެ އެހެން މަޝްރޫތަކެއް އެ ކުންފުންޏަށް ދިނުމަކީ ދައުލަތަށް ލިބުނު ބޮޑު ފައިދާއެއް ކަމަށް ވިދާޅުވެފަ އެވެ.
ފައްޔާޒް މި މައްސަލައާ ގުޅޭ ގޮތުން ވިދާޅުވެފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އިއްޔެ އޭސީސީއަށް ހާޒިރުކޮށްފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފައްޔާޒް އިސްމާއިލް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ