ނުކުޅެދުންތެރިކަން ހުރި 30 މީހަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފި އެވެ.
ސްޓެލްކޯއިން ވަޒީފާގެ ލިޔުން ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. އެކަމަނާގެ އިތުރުން މި ރަސްމިއްޔާތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑޮކްޓަރ ޢާއިޝަތު ޝިހާމް އާއި ސްޓެލްކޯގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިވުމަކީ މުވައްޒަފުގެ ޢާއިލާއާއި ޤައުމަށް އެކަމުގައި އެތައްގޮތަކުން ފައިދާއާއި މަންފާ ހުރި ކަމެކެވެ. އެ ކަމަނާ ފާހަގަކުރެއްވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ވަޒީފާގެ މާހައުލަށް ނެރުމަކީ ޞިއްޙީ ގޮތުންނާއި، ދިރިއުޅުމުގެ އާދަތަކާއި މާލީގޮތުން ފުދުންތެރިކަން އިތުރުވެގެން އަންނާނެ ކަމެކެވެ.
”ވާޒީފާގެ މާހައުލުގައި އައު ރައްޓެހިން ލިބުމަކީ ނަފްސާނީގޮތުން ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި މީހުންގެ ތަޢުރީފާއި ހެޔޮބަސްތަކުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު، އިތުރުވެގެންދާނެ“ ކަމަށް އެ ކަމަނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ރަޝީދު ވިދާޅުވީ، ސްޓެލްކޯއަކީ މިފަދަ ކަންކަމުގައި އަބަދުވެސް އިސްނަގައިގެން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ.
ޝަމާހް އިތުރަށް ވިދާޅުވީ، ”މިހާރުވެސް، ތަފާތު އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ 50 އަށްވުރެ ގިނަ މުވައްޒަފުން މި ކުންފުނީގައި ދަނީ މަސައްކަތް ކުރަމުން. މިއަދު މިކުންފުންޏާއި މި ގުޅޭ 30 މުވައްޒަފުންނާއެކު، ސްޓެލްކޯގައި ނުކުޅެދުންތެރިކަން ހުރި މުވައްޒަފުންގެ ޖުމްލަ ޢަދަދު 80 އަށް އަރާނެ. މިއީ ހަމަގައިމުވެސް ފާހަގަކޮށްލެވޭނެ ބޮޑު ކުރިއެރުމެއް“ ކަމަށެވެ.
އަލަށް ވަޒީފާ ޙަވާލުކުރެވުނު މުވައްޒަފުންގެ ފަރާތުން މުޖުތަމަޢުއަށް ފައިދާތަކެއް ލިބި، އެފަރާތްތަކުގެ ޤާބިލުކަމާއި ހުނަރުތައް އިތުރަށް ތަރައްޤީކޮށް، ޤައުމީ ތަރައްޤީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިގެން ގޮސްފައިވާ ކަމަށް ޝަމާހް ފާހަގަކުރެއްވި އެވެ.

މި 30 މުވައްޒަފުން ހޮވާލާފައިވަނީ ސްޓެލްކޯއިން ޔޫޓިލިޓީ ޚިދުމަތް ދެމުންދާ 21 ރަށެއް ހިމެނޭހެންނެވެ. މި މުވައްޒަފުންނާއިއެކު ސްޓެލްކޯގައި ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 80 މުވައްޒަފުން ދަނީ ޓެކްނިކަލް އަދި ނޮންޓެކްނިކަލް ދާއިރާތަކުގައި ވެސް ޚިދުމަތް ކުރަމުންނެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ނުކުޅެދުންތެރިކަން ހުންނަ، ވަޒީފާ އަދާކުރަން ބޭނުންވާ ހުރިހާ މީހުންނަށް ދައުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހަމަޖައްސައިދެވުނު ވަޒީފާގެ ފުރުޞަތުތަކެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސްޓެލްކޯ


