ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމަކީ ޤައުމަށް ފައިދާހުރި ކަމެއް: ފަސްޓް ލޭޑީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިވުމަކީ މުވައްޒަފުގެ ޢާއިލާއާއި ޤައުމަށް އެކަމުގައި އެތައްގޮތަކުން ފައިދާއާއި މަންފާ ހުރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ލިޔުން ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ފާހަގަކުރެއްވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ވަޒީފާގެ މާހައުލަށް ނެރުމަކީ ޞިއްޙީ ގޮތުންނާއި، ދިރިއުޅުމުގެ އާދަތަކާއި މާލީގޮތުން ފުދުންތެރިކަން އިތުރުވެގެން އަންނާނެކަމެކެވެ. އެގޮތުން ވާޒީފާގެ މާހައުލުގައި އައު ރައްޓެހިން ލިބުމަކީ ނަފްސާނީގޮތުން ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި މީހުންގެ ތަޢުރީފާއި ހެޔޮބަސްތަކުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު، އިތުރުވެގެންދާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

ކޮންމެ ދުވަހަކު ވަކިގަޑިއެއްގައި ހޭލުމާއި، ގަޑިން ގަޑިއަށް ވަކި ކަންތައްތަކެއް ކުރުމަކީ ހަރުދަނާ ސިފަތައް އަށަގަންނަކަމެއްކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ ވަޒީފާގެ ފުރުޞަތު ފަހިވެގެންދިޔަ ފަރާތްތަކަށް، މިއީ އެކިކަހަލަ ހުނަރުތައް އަށަގަތުމާއި އެ ހުނަރުތައް ތަރައްޤީކުރުމަށް ލިބޭ ފުރުޞަތެއް ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ހިންގާ މި ޕްރޮގްރާމަކީ ބައެއް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގުތަކެއް ފަހިކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މިއަދުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސްޓެލްކޯގެ ވަޒީފާއާ އަލަށް ގުޅުނު 30 ފަރާތަށް ވަޒީފާގެ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑޮކްޓަރ ޢާއިޝަތު ޝިހާމް އަދި ސްޓެލްކޯގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތު ފެށުމުގެ ކުރިން، ސްޓެލްކޯއަށް 21 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މުވައްޒަފެއް ކަމަށްވާ އަހްމަދު އަޒްމީލް މިއަދު ނިޔާވުމާއި ގުޅިގެން ހަމަހިމޭންކަމުގެ ސުކޫތެއްގެނައުންވެސް އޮތެވެ. އަޒްމީލް ނިޔާވީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ކުންފުނީގެ މަސައްކަތުގައި އުޅެނިކޮށް ދިމާވި ހިތާމަވެރި ހާދިސާއެއްގައި އަނިޔާވެ، ރާއްޖެއިން ބޭރުގައި ފަރުވާދެމުންދަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ސްޓެލްކޯއަށާއި އެ މަރުހޫމްގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވެސް މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ އެ މަރުޙޫމްގެ ޢާއިލާއަށާއި ސްޓެލްކޯގެ ވެރީންނާއި މުވައްޒަފުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސްޓެލްކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ