ހުޅުމާލޭ ބާ އިންޖީނު ގޭގައި ހިނގި ކަރަންޓުގެ ހާދިސާއެއްގައި ފިހިގެން ފަރުވާ ދެމުން ދަނިކޮށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފެއް ކަމަށްވާ އަހުމަދު އަޒްމީލް ނިޔާވެއްޖެއެވެ.
އުމުރުން 43 އަހަރުގެ އަޒްމީލް ނިޔާވީ، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ސްޓެލްކޯގެ ސުޕަވައިޒަރެއްގެ މަގާމުގައެވެ.
މި ހާދިސާ ހިނގާފައިވަނީ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ ބާ އިންޖީނު ގޭގަ އެވެ. އެދުވަހު މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފްވެ، ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވި އެވެ. ސްޓެލްކޯ އިން ބުނި ގޮތުގައި އަޒްމީލް ފިހުނު ހާދިސާ ހިނގީ، ހުޅުމާލެ ބާ އިންޖީނު ގޭގެ ސްވިޗް ގިއާ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް ހިނގި ކަރަންޓުގެ ހާދިސާއެއްގަ އެވެ.
ހާދިސާގައި އަޒްމީލް ފިހުމާއެކު ފުރަތަމަ އޭނާއަށް ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ. އެއަށްފަހު އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް އަނިޔާގެ ބޮޑުކަމުން އިތުރު ފަރުވާއަށް އޭނާ ވަނީ ބެންކޮކަށް ފޮނުވާފައެވެ. އަޒްމީލް ނިޔާވީ ބެންކޮކުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
އަޒްމީލް ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ، ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހާދިސާއެއްގައި ލިބުނު އަނިޔާތަކަށް ރާއްޖޭން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް އަޒްމީލް ނިޔާވި ހަބަރު އަޑުއެހީ ހިތާމައާ އެކުގައި ކަމަށެވެ.
”އަޒްމީލް ގެ ޢާއިލާއަށާއި ސްޓެލްކޯގެ ވެރީންނާއި މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދެން. އަދި މަރްޙޫމް އަޙްމަދު އަޒްމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަން.“ ރައީސްގެ ތައުޒިޔާގައި ވިދާޅުވެފައިވެ އެވެ.


