ފަލަސްތީނުގެ ޣާއްޒާ ސަރަހައްދަށް ބައިރަން ތޫފާނާ ގުޅިގެން ކުރަމުންދާ ބޯ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 14 އަށް އަރާފައިވާ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ހާމަކޮށްފި އެވެ.
މި ތޫފާނުގެ ސަބަބުން ޣާއްޒާގެ ހާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ތިން ކުދިން ހިމެނޭ ކަމަށާއި އެ ކުދިން މަރުވެފައިވަނީ އިންތިހާއަށް ފިނިވުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިދިޔަ ދެ ދުވަހު ވެހުނު ބޯ ވާރޭގެ ސަބަބުން ޣާއްޒާގެ އެކި ހިސާބުތަކަށް ވަނީ ފެންބޮޑުވެފަ އެވެ. ޚާއްސަކޮށް، ހާލުގައި ޖެހިފައިވާ އެތައް ސަތޭކަ ހާސް ބަޔަކު ދިރިއުޅޭ ވަގުތީ ފޭލިގެތަކުގެ ކޭމްޕުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސް ފޭލިގެއަކަށް ފެން ވަދެ، އެތެރޭގައި ހުރި ތަކެތި، އޭގެ ތެރޭގައި އެނދު މެޓްރެސްތަކާއި ކާނާގެ ބާވަތްތައް ވަނީ ހަލާކުވެފަ އެވެ.

ބޯ ވާރޭގެ ސަބަބުން، ކުރީގެ ހަނގުރާމަތަކުގައި ގެއްލުން ލިބިފައިވާ އިމާރާތްތަކެއް ވެއްޓި، މީހުން މަރުވި މިންވަރު އިތުރުވެފައިވެ އެވެ. ޣާއްޒާގެ އުތުރުގައި ހިނގި އެއް ހާދިސާގައި ހަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އިންސާނީ އެހީ ދޭ ޖަމިއްޔާތަކުން އަންނަނީ މި ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެފަދަ ޖަމިއްޔާތަކުން ބުނާ ގޮތުގައި، ފެން ހިފެހެއްޓުމަށް ބޭނުންވާ ވެލި ބަސްތާ ފަދަ ތަކެއްޗާއި، ވަރުގަދަ ފޭލިގެތައް ޣާއްޒާއަށް އެތެރެކުރުމަށް ހުރަސް އެޅުމުގެ ސަބަބުން ހާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ.

އެކުވެރި ގައުމުތަކުގެ ޖަމިއްޔާ (ޔޫ.އެން) އާއި އެހެނިހެން އިންސާނީ އެހީ ދޭ ޖަމިއްޔާތަކުން ވަނީ ޣާއްޒާގެ މިހާރުގެ ހާލަތާ މެދު ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފަ އެވެ. އެފަރާތްތަކުން ފާހަގަކުރާ ގޮތުގައި، 800،000 އަށް ވުރެ ގިނަ ހާލުގައި ޖެހިފައިވާ މީހުންނަށް މިހާރު ފެންބޮޑުވުމުގެ ނުރައްކާ ބޮޑުވެފައިވާ އިރު، ފެންބޮޑުވެފައިވާ، ސާފުތާހިރުކަން ކުޑަ ކޭމްޕުތަކުގައި ބަލިމަޑުކަން ފެތުރުމުގެ ނުރައްކާވެސް ބޮޑުވެފައިވާ ކަމަށް ޔޫ.އެން އިން ބުނެ އެވެ.



