އަމާޒަކީ ސްޓެލްކޯއިން ހިދުމަތްދޭ ކޮންމެ ރަށެއްގެ 33 އިންސަތަ ކާރބަން ނިއުޓްރަލް ކުރުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަމާހު ރަޝީދު ވިދާޅުވެއްޖެ އެވެ.
ޝަމާހު މިހެން ވިދާޅުވެފައި ވަނީ، ދައުލަތުގެ މީޑިއާގެ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަމާހު ވިދާޅުވީ، ވ. ރަކީދޫގައި އެ ކުންފުނިން ޤާއިމްކޮށްފައިވާ ހައިބްރިޑް ޕީވީ-ބީއީއެސްއެސް-ޑީޖީ ނިޒާމާއެކު އެ ރަށުގައި މިހާރު ޖަނަރޭޓަރ ޖައްސަން ޖެހެނީ ވަރަށް މަދު ވަގުތުތަކެއްގައި ކަމަށާއި، މިރަށް 100 އިންސައްތަ ބެޓެރިން ކަރަންޓު ފޯރުކޮށްދެވޭ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރަކީދޫގައި އެގޮތަށް ހިންގިނަމަވެސް ބާކީ ހުރި ރަށްރަށް އެގޮތަށް ބަދަލުކުރުމުގެ ވިސްނުމެއް ނެތްކަމަށްވެސް ޝަމާހު ވިދާޅުވި އެވެ. އެހެންނަމަވެސް، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ރަށެއްގެ 33 އިންސައްތަ ކާރބަން ނިއުޓްރަލްއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޝަމާހު ވިދާޅުވި އެވެ.
”އެންމެ ރަނގަޅު ގޮތަކީ ހައި ބްރިޑް ސިސްޓަމް ތައާރަފްކުރުން، އަޅުގަނޑުމެން ކުރިއަށް އޮތްނުގައި ހުރިހާ ގޮތަކަށް ބަލާނަން، ކޮން ގޮތެއްތޯ ރަނގަޅީ، ރައީސްގެ ވައުދާ އެއްގޮތަށް ހުރިހާ ރަށެއް ކާރބަން ނިއުޓްރަލް ކުރުމުގެ މަސައްކަތް ނިންމާލާނަން. އެއްކޮށެއް ނޫން 33 ޕަސެންޓު.“
ޝަމާހު އިތުރަށް ވިދާޅުވީ، 100 ޕަސެންޓަށް ކުރިއަށް ޖެނެރޭޓަރުތައް އެއްކައިރި ނުކުރެވޭނެ ކަމަށާއި، ނުކުރެވޭނެ އެންމެ ބޮޑު ސަބަބަކީ ވިއްސާރަ މޫސުމުގައި، އަވި ނުދީ ސޯލަރ ޕަވަރ ނުލިބިއްޖެނަމަ ބެކަޕް ސިސްޓަމްތައް ހުންނަން ޖެހޭނެތީ ކަމަށެވެ.



