ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ގައުމީ ސްކޮޑް އެކުވަލާލުމުގެ ދެވަނަ މަރިހަލާނިމި، 18 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިފިއެވެ.
އުޒްބެކިސްތާންގެ ކޯޗު ފާރޫކް ޒަކިރޯވްގެ އިރުޝާދާއެކު ސްކޮޑް އެކުލަވާލުމުގެ ގޮތުން އެންމެ ފުރަތަމަ ނެގީ ޕްރިލިމިނަރީ ސްކޮޑެކެވެ. އެ ސްކޮޑުގައި 40 އަށްވުރެ ގިނަ ކުޅުންތެރިން ހިމެނިފައިވެއެވެ. އެޔަށްފަހު 25 ކުޅުންތެރިންނަށް މަދުކުރިއިރު، މިހާރު ވަނީ އޭގެތެރެއިން 18 ކުޅުންތެރިން ހޮވާފައެވެ.
މިފަހަރު ސްކޮޑް ނެގިއިރު، އެންމެ ފަހުން އޮތް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރި ސްކޮޑުގައި ނުހިމެނޭ ބައެއް ކުޅުންތެރިންނަށް ވަނީ ފުރުސަތު ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ ޖުނެއިދު އަބްދުﷲ (ޖޭންނެ)، އަހުމަދު ހަމީދު (އައްމަޑޭ)، އަބްދުﷲ ޝާފިއު (ޝާއްޕެ)، ހުސައިން ޝަރީފް (އޮންލީ)، މުހައްމަދު ލުފްޝާން (ޕަފް)، އަލީ ހައިޝަމް (ޗުމްޕު) އަދި މުހައްމަދު އިޝާމް (ޝަންޓެ) އެވެ.
18 ކުޅުންތެރިންގެ ސްކޮޑުގައި އިތުރަށް ހިމެނެނީ އިބްރާހިމް ނާޖިހު، އަބްދުﷲ ޒިމާމް، ޒައިދާން އަހުމަދު (އަސޫ)، މުހައްމަދު އިމްރާން (އިންމި)، އިޝާން އިބްރާހިމް (ސައްޓު)، އަލީ ޝިޔާހު (ޝިޔާ)، އަލީ ޝަމާލް އަބްދުﷲ (ޝައްމު)، އަހުމަދު ރާހިލް ރަޝީދު(ރާއްކޮ)، ހުސައިން ސުހައިލް، ހުޒައިފަތު ރަޝީދު (ހުޒޭ) އަދި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން 17 ކުޅުންތެރިންގެ ސްކޮޑެއް މި މަހު ފަހުކޮޅު ޗައިނާއަށް ދަތުރުކުރާނެއެވެ.
އަންނަ އަހަރު ތައިލެންޑުގައި ކުރިޔަށްދާ މި މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން، އިންޑިއާ، ލަންކާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާން އެވެ. މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ލީގު ފޯމެޓަށެވެ.



