ބޮންޑެޑް ވެއާ ހައުސްގައި ހުރި ސިނގިރޭޓް ގެއްލުނު މައްސަލައިގައި 47.1 މިލިއަން ރުފިޔާ ދެއްކުމަށް އެގްޒޮޓިކް އެންޓަ ޕްރައިސަސްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
އެގްޒޮޓިކް އެންޓަ ޕްރައިސަސްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފަރާތުންނެވެ.
އެގޮތުން ކަސްޓަމްސްއިން ކުރި ދައުވާގައި ބުނެފައިވަނީ، އެގްޒޮޓިކް އެންޓަ ޕްރައިސަސްގެ ނަމުގައި 180 ކޭސް ކެމަލް ޔެލޯ ސިނގިރޭޓާއި، 300 ކޭސް މެންޗެސްޓަރ ބްރޭންޑުގެ ސިނގިރޭޓު އަދި 110 އެމެރިކަން ލެޖަންޑް ސިނގިރޭޓު ރާއްޖެ ގެނެސް އެގްޒޮޓިކް އެންޓަ ޕްރައިސަސްގެ ބޮންޑެޑް ވެއާހައުސްގައި ބޮންޑު ކުރިނަމަވެސް، 15 ކޭސް ކެމަލް ޔެލޯ ސިނގިރޭޓް ފިޔަވައި އިތުރު މުދަލެއް ބޮންޑެޑް ވެއަހައުސްއިން ނެރެފައިވާކަން ރެކޯޑްއިން ފެންނަން ނެތް ކަމަށެވެ. އަދި ބޮންޑުން ނެރެފައިވާކަމަށް އެނގެން ނެތް މުދަލުގެ ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ 47،182،011.86 ރުފިޔާ ދެއްކުމަށް އެ ކުންފުންޏަށް ތަކުރާރުކޮށް އެންގުމުންވެސް އެ ފައިސާ ދައްކާފައިނުވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މި މައްސަލައިގެ ލިޔެކިޔުން އެގްޒޮޓިކް އެންޓަ ޕްރައިސަސްއަށް 24 ޖުލައި 2025 ގައި ރައްދުކުރެވިފައިވާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ދައުވާއަށް ރައްދެއް ހުށަހަޅާފައިނުވާތީ މި މައްސަލައިގައި އެގްޒޮޓިކް އެންޓަ ޕްރައިސަސްގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށް ކަސްޓަމްސްއިން ވަނީ އެދިފަ އެވެ.
އެހެންކަމުން ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ އާއިޝަތު އަޒުފާ އަބްދުލްޣަފޫރު ވަނީ 47.1 މިލިއަން ރުފިޔާ 14 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް އެގްޒޮޓިކް އެންޓަ ޕްރައިސަސްގެ މައްޗަށް ޣައިރު ހާޒިރުގައި ހުކުމް ކޮށްފަ އެވެ.
