ސިނގިރޭޓު މައްސަލައިގައި މަގާމުން ވަކި ކުރި ޑެޕިއުޓީ ކޮމިޝަނަރ މަހްމޫދުގެ މަގާމު އިއާދަކޮށްފި

Advertisement

އެންމެ ފަސް

Advertisement

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން ވަކިކުރެވުނު މަޙްމޫދު ރިޔާޒްގެ ވަޒީފާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލުން އިއާދަކުރައްވައިފި އެވެ.

މިއީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރި ތަޙްޤީޤަށްފަހު، އެ މައްސަލައިގައި މަޙްމޫދުގެ ބައިވެރިވުމެއް ނެތްކަމަށް ނިންމައި، އޭނާގެ ވަޒީފާ އަލުން އިއާދަކޮށްދިނުމަށް ރައީސަށް ލަފާ އެރުވުމާ ގުޅިގެން ނިންމެވި ނިންމެވުމެކެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، 241 ކޮމިޓީން އިތުރަށް ތަޙްޤީޤު ކުރެއްވުމަށްފަހު އެ މައްސަލައިގައި މަޙްމޫދު ރިޔާޒްގެ ބައިވެރިވުމެއް ނެތްކަމަށް ނިންމަވައި، ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސަށް ލަފާ އަރުވާފައިވާތީ، މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސް މުއިއްޒު އަލުން އިއާދަކުރައްވާފައިވާ ކަމަށެވެ. މީގެ ކުރިން މަޙްމޫދު ރިޔާޒް މަޤާމުން ވަކިކުރެވުނީ، ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރުމުގައި އެހީތެރިވުމުގެ މައްސަލައަކާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ނޮވެމްބަރު 8 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި، މަހުމޫދަށް އަލުން ވަޒީފާ ދޭން ރައީސަށް ލަފާ އެރުވުމަށް ނިންމާފައިވާކަން ވަނީ ހާމަކޮށްފަ އެވެ. މި ނިންމެވުމަށް އައީ، ކޮމިޓީން މި މައްސަލަތައް ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް ރިއާޔަތްކުރުމަށް ފަހު، މި މައްސަލައިގައި މަހުމޫދުގެ ސީދާ ބައިވެރިވުމެއް ފެންނަން ނެތުމުންނެވެ. ކޮމިޓީގެ ނައިބު މުގައްރިރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ މި ނިންމުން ހިމެނޭ ނޫސް ބަޔާން ކޮމިޓީއަށް އިއްވާފަ އެވެ. މި ހުށަހެޅުމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ތާއީދުކުރައްވާފަ އެވެ.

މި މައްސަލައަކީ، ”ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް“ ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކުރި މައްސަލަ އާއި، ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ވެއާހައުސް އިން ނެރުނު މައްސަލަ އެވެ. މި މައްސަލަތަކާ ގުޅިގެން މަހުމޫދުގެ އިތުރުން ކަސްޓަމްސްގެ އަނެއް ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު ވެސް ވަނީ މަގާމުން ވަކިކުރައްވާފަ އެވެ.

މި މައްސަލަތަކާ ގުޅޭ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ މި މަހުގެ 27 ވަނަ ދުވަހު އެވެ. މި ރިޕޯޓުގައި، މި މައްސަލަތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ސީރިއަސް މައްސަލަތަކެއް ކަމަށް ފާހަގަކޮށްފައިވާއިރު، 4 އިދާރާއަކަށް ކަންކަން އިސްލާހުކުރުމަށް ވަނީ އަންގާފަ އެވެ. އެ އިދާރާތަކުގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް، ހޯމް މިނިސްޓްރީ، އަދި ޓްރާންސްޕޯޓް މިނިސްޓްރީ ހިމެނެ އެވެ.

241 ކޮމެޓީ ހީނާ ވަލީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ކަސްޓަމްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ