ޕޯޓަށް ބޭނުންވާ ކޮންޓޭނަރ ސްކޭނަރ ގެނައުމުގެ ކަންކަމުގައި ފިނޭންސް މިނިސްޓްރީ، މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެއްބަޔަކު އަނެއްބަޔަކަށް ”ބޯޅަޖަހާތާ“ ކިތަންމެ ދުވަހެއް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ބަނދަރުތަކުގައި ކޮންޓޭނަރ ސްކޭން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަސްޓަމްސްއިން ހޯދުމަށް އެދިފައިވާ ކޮންޓޭނަރ ސްކޭނިން ސިސްޓަމްއާ ގުޅޭގޮތުން ކަސްޓަމްސް އަދި އެމްޕީއެލްގެ ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމް ވިދާޅުވީ ކޮންޓޭނަރ ސްކޭނަރެއްގެ ކަންކަމުގައި ކަސްޓަމްސްއަށް 15 މިލިއަން ދޭގޮތަށް ހަމަޖެހިފައިވާކަން މިއަހަރު ކުރީކޮޅު ފިނޭންސް މިނިސްޓްރީން މައުލޫމާތުދީފައިވާ ކަމަށެވެ. އެ ފައިސާ ނުލިބޭކަމަށް ކަސްޓަމްސްއިން ބުނުމުން އެކަން އިތުރަށް ބެލި ކަމަށާއި އަދި އެ ފައިސާ ދޫނުކޮށް ފިނޭންސްއިން ހުރީ އެ ފައިސާ ހޯދުމަށް ކަސްޓަމްސްއިން ސިޓީއެއް ނުފޮނުވާތީކަން އެނގުނުކަމަށް ސަލީމް ވިދާޅުވި އެވެ.
ކޮންޓޭނަރ ސްކޭނަރެއް ގެނައުމަށްފަހު އެ ބަހައްޓާނެ ތަނެއް ހަމަޖެއްސުމުގެ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، އެ ބަހައްޓާނެ ތަނެއްގެ ކަންކަން ހަމަޖެހޭނެކަން އެމްޕީއެލްއިން މިދިޔަ މަހު ސިޓީއަކުން ކަސްޓަމްސްއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ ސިޓީ ފޮނުވާފައި އޮތްކަން ކަސްޓަމްސްއަށް ނޭންގި އޮތް ކަމަށާއި، މިހާރު އެކަމާމެދު ދެ އިދާރާގެ މެދުގައި ކޮންމެވެސް ވަރަކަށް މަޝްވަރާ ކުރެވިފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
މި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މިކަމުގައި ފިނޭންސް މިނިސްޓަރާ މަޝްވަރާ ކުރެވިފައިވާ ކަމަށާއި އަދި ބޭނުންވާ ފައިސާ ހަމަޖެހޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. ނާޒިމް ވިދާޅުވީ އެއްވެސް ކޮންޓޭނަރެއް ސްކޭން ނުކޮށް އެއްވެސް ރީޖަންއަކަށް ދާން ބޭނުންނުވާ ކަމަށާއި، މިއީ ގައުމީ ސަލާމަތާވެސް ގުޅުންހުރި މައްސަލައެއް ކަމަށެވެ. އަދި ކިތަންމެ ދަތިވިނަމަވެސް އެމްޕީއެލްއިން މިކަމަށް ބޭނުންވާ ޖާގަ ހަމަޖައްސައިދެއްވަންޖެހޭ ކަމަށާއި އަދި މި މަސައްކަތް ފެށައި ނިންމޭނެ ދުވަހެއްގެ ޓައިމްލައިނެއް ބޭނުންވާކަމަށް ނާޒިމް ވިދާޅުވި އެވެ.
”ތިން ފަރާތުގެ މެދުގައި، އެމްޕީއެލް، ކަސްޓަމްސް ސާވިސް، ފިނޭންސްއާ ދޭތެރޭގައި މި ބޯޅަޖަހާތާ ކިތަންމެ ދުވަހެއް. އަޅުގަނޑުމެން މިއުޅެނީ ޓީޓީ ބޯޅައެއް ކުޅޭކަށް ނޫން. އަޅުގަނޑުމެން މިއުޅެނީ މިކަން ނިންމާފަ ތަންފީޒުކުރަން.“ ނާޒިމް ވިދާޅުވި އެވެ.

މި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކަސްޓަމްސްގެ ފަރާތުން ބުނެފައިވަނީ، ފިނޭންސް އިން ބުނެފައިވަނީ 15 މިލިއަން ރުފިޔާ ހަމަޖައްސައިދެއްވާނެ ކަމަށާއި ނަމަވެސް މިކަމަށް ގާތްގަނޑަކަށް 51 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. މިހާ ބޮޑު އެއްޗަކަށްވުމުން ކޮންޓޭނަރ ސްކޭނަރެއް ގެނައުމުގެ ކަންކަން ކުރެވޭނީ ނެޝަނަލް ޓެންޑަރިންއަށް ލައިގެން ކަމަށާއި ފުލް ޕޭމަންޓެއް ނުލިބި މިކަން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މި ވާހަކައާ ގުޅިގެން ކޮމިޓީގެ މުގައްރިރު ސަލީމް ވަނި މިކަމަށް ބޭނުންވާ ފައިސާ ހަމަޖެހޭނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ދެއްވާފައިވާކަން ތަކުރާރުކޮށް ފާހަގަކުރައްވާފަ އެވެ. ކަސްޓަމްސްއިން ވަނީ ފިނޭންސް މިނިސްޓްރީން އެ ޔަގީންކަން ދެއްވާނަމަ މިހާރުން މިހާރަށްވެސް އެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ. މިކަން ކުރިއަށް ގެންދިއުމުގައި ޕޯޓް އޮޕަރޭޓަރުންގެ އެހީތެރިކަން ވަރަށް ބޮޑު ކަމަށާއި، އެމްޕީއެލްއިން ހަމަޖައްސައިދޭންޖެހޭ އިންތިޒާމުތައް ފުރިހަމަކޮށްދީގެން މިކަމުގައި ކުރިއަށްދެވޭނެ ކަމަށެވެ.
މި މައްސަލައިގައި އެމްޕީއެލްގެ ފަރާތުން ކޮމިޓީގައި ބުނެފައިވަނީ، މިކަމުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށާއި ނަމަވެސް ކަސްޓަމްސްއާއެކު މިކަމުގައި ކޯޑިނޭޓް ކުރަމުންދާ ކަމަށެވެ. އަދި މިކަމުގައި އެމްޕީއެލްއިންވެސް ބޭނުންވަނީ އަވަހަށް ކަން ކުރުމަށް ކަމަށާއި، މިކަމުގައި ބޭނުންވާނެ ސައިޓު ބަލައި ޖާގައާ ކުރެހުންމާ ކަންކަން ހަމަޖެހިފައިވާކަމަށް އެމްޕީއެލްއިން ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ބަޖެޓް 2026 ބަޖެޓް ކޮމިޓީ ކަސްޓަމްސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ދައުލަތުގެ ބަޖެޓް
