ސިނގިރޭޓު ވައްކަން: ކޮންޓޭނަރު ގެންދަން ބޭނުން ކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރު ބަދަލު ކުރި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މި ވައްކަމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ވަގަށް ބަދަލުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މި ހާދިސާ ހިނގާފައިވަނީ 2025 އެޕްރީލް 26 ވަނަ ދުވަހު އެމްޕީއެލްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގަ އެވެ. ނަމަވެސް މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2025 އޮކްޓޫބަރު 09 ވަނަ ދުވަހު އެވެ.

ތަހުގީގަށް ހޯދިފައިވާ ގޮތުގައި، މި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ ވަރަށް ރޭވުންތެރިކަމާއެކުގަ އެވެ. ސިނގިރޭޓް ހުރި ކޮންޓެއިނަރުތަކާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހު، އެމްޕީއެލް ޓާރމިނަލްގައި ހުރި ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާރމިނަލަށް ގެންގޮސް ބަހައްޓާފައިވެ އެވެ. މީގެ އިތުރުން، ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފަ އެވެ.

ވައްކަންކުރި ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފައިވާކަމަށް ތަހުގީގަށް ހޯދިފައިވެ އެވެ. އަދި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކުކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ފުލުހުން ވަނީ ހޯދާފަ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމްލަ 9 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 7 މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުންކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަން ވެސް ހިމެނެ އެވެ. ތަހުގީގަށް މިހާތަނަށް 19 މީހަކު ފުރުން މަނާކުރެވިފައިވާއިރު، 05 އުޅަނދެއް ބަލައިފާސްކޮށް، މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ވަނީ ބަލައިފާސްކުރެވިފަ އެވެ.

ފުލުހުން ވަނީ މި ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް، ނުވަތަ ވަގަށް ނަގައިފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް، ނުވަތަ ސިނގިރޭޓް އެތެރެކުރުމުގެ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތެއް އެނގޭނަމަ ހިއްސާކުރުމަށް އެދިފަ އެވެ. މައުލޫމާތު ދެއްވުމަށް މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

ކަސްޓަމްސް ވައްކަމާއި ފޭރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ދިވެހި ފުލުހުންގެ ޚިދުމަތް ދެ ކޮންޓެއިނާ ސިނގިރޭޓްގެ ވައްކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ