ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރުމުގައި އެހީތެރިވުމުގެ މައްސަލައާ ގުޅިގެން މަގާމުން ވަކި ކުރި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހުމޫދް ރިޔާޒަށް އަލުން ވަޒީފާ ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.
މި ފިޔަވަޅު އަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން މި މައްސަލަތައް ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް ރިއާޔަތްކުރުމަށް ފަހު މި މައްސަލައިގައި މަހުމޫދުގެ ސީދާ ބައިވެރިވުމެއް ފެންނަން ނެތުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިރޭ ބޭއްވި ބައްދަލުވުމުގައި ވަނީ މަހުމޫދަށް އަލުން ވަޒީފާ ދޭން ރައީސަށް ލަފާ އެރުވުމަށް ނިންމާފައިވާތީ 241 ކޮމިޓީން ނެރޭ ނޫސް ބަޔާން ކޮމިޓީއަށް އިއްވާފަ އެވެ. މި ނޫް ބަޔާން އިއްވެވީ ކޮމިޓީގެ ނައިބު މުގައްރިރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.
މި މައްސަލައަކީ، ”ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް“ ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކުރި މައްސަލަ އާއި، ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ވެއާހައުސް އިން ނެރުނު މައްސަލަ އެވެ.
މި މައްސަލައިގައި ކަސްޓަމްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކި ކުރި އެވެ. އެއީ މަހުމޫދުގެ އިތުރުން އަބްދުﷲ ވަހީދު އެވެ.
މި މައްސަލަތަކާ ގުޅޭ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ މި މަހުގެ 27 ވަނަ ދުވަހު އެވެ. މި ރިޕޯޓުގައި 4 އިދާރާއަކަށް ކަންކަން އިސްލާހުކުރުމަށް ވަނީ، އަންގާފަ އެވެ. އެ އިދާރާތަކުގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ހޯމް މިނިސްޓްރީ އަދި ޓްރާންސްޕޯޓް މިނިސްޓްރީ ހިމެނެ އެވެ. މި މައްސަލަތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ސީރިއަސް މައްސަލަތަކެއް ކަމަށް މަޖިލީހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
241 ކޮމެޓީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ރައްޔިތުންގެ މަޖިލިސް ކަސްޓަމްސް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު
