އދ. އެއްލައިދޫ ރިސޯޓުގެ ކައްކާ މަރާލި މައްސަލައިގައި ދައުވާއުފުލި މީހާގެ މައްޗަށް ކުށް ސާބިވު ނުވި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
2019 ޖެނުއަރީ 10 ވަނަ ދުވަހުގެ ރޭ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ކައްކާ މަރާލީ ބިސްގަނޑެއް އަޅާ ނުދިިން މައްސަލައިގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ނެވެ.
ވަޅިއަކުން ހަމަލާދީ ކައްކާ މަރާލި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލަ މީނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ޖުލައި 14 ވަނަ ދުވަހު އެވެ. މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. މި އިސްތިއުނާފު ބަލައިގަތުމާމެދު އަދި ހައިކޯޓުން ގޮތެއް ނިންމާފައެއް ނުވެ އެވެ.
ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ބަންދު މަޖިލީހުގައި އޭނާ ކުށަށް އިއުތިރާފުވިނަމަވެސް އެއީ ގަސްތުގައި ދިން ހަމަލާއެއް ނޫންކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެއީ ނަސްފުގެ ދިފާއުގައި ދިން ހަމަލާއެއް ކަމަށް އޭނާ ބުނެފައިވާ ކަމަށާއި އަދި ފަހުން ކުށަށް އިންކާރުކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން މި ހާދިސާ ފެނުނު މީހުން ރާއްޖެއިން ބޭރަށް ގޮސްފައިވުމުން އެމީހުންގެ ހެކިބަސް ލިބިފައިނުވާކަން ފާހަގަކޮށްފައިވެ އެވެ. ހުކުމުގައި ބުނެފައިވަނީ ޖަޔަލަތު ކޮޑިއާޗި ބަންދު މަޖިލީހުގައި ވެފައިވާ އިއުތިރާފަށް އެކަނި ބަލައިގެން ކުށް ސާބިތުނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށްވަނީ ހުކުމް ކޮށްފަ އެވެ.