ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލި މައްސަލައިގައި އަހުމަދު މުއާޒު (ގަޓު މުއާ) ހައްޔަރުކުރި މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގައިދޭން ކުރި ދައުވާ ސިވިލް ކޯޓުން ކުރިއަށްނުގެންދިޔަ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ދައުލަތުން ހުށަހެޅި އިޖުރާއީ އިއުތިރާޒު ބަލައިނުގަތުމަށް ނިންމައިފި އެވެ.
ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލާގައި ދައުވާކުރީ އަހުމަދު މުއާޒް (ގަޓު މުއާ) އާއި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަދި އަހުމަދު އިސްމާއިލް (އަހަނދު) އަށެވެ. މި މައްސަލައިގައި މުއާޒުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.
ކުރީ ސަރުކާރުން އެކުލަވާލި މަރު ކޮމިޝަނުން ތައްޔާރުކުރި ތަހުގީގު ރިޕޯޓުގެ މައްޗަށް މި ތިން މީހުންގެ ދައުވާ ކޮށްފައިވަނީ 1 ސެޕްޓެމްބަރު 2023 ގައެވެ. އެހެންނަމަވެސް އެ ތިން މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ނޮވެމްބަރު 2023 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. މި މައްސަލައިގައި ގެއްލުމުގެ ބަދަލުހޯދުމަށް މުއާޒުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން 2024 ނޮވެމްބަރު 21 ގައި ސިވިލް ކޯޓުން ނިންމާފައިވަނީ އެ ދައުވާ ކުރިއަށް ގެންދާނެތަނެއް ނެތްކަމަށެވެ.
މި މައްސަލަ މުއާޒްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ދައުލަތުގެ ފަރާތުން ވަނީ އިޖުރާއީ އިއުތިރާޒެއް ނަގާފަ އެވެ. އެގޮތުން އިޖުރާއީ އިއުތިރާޒުގައި ދައުލަތުން ބުނެފައިވަނީ، މަދަނީ މައްސަލައެއް ހުށަހަޅާއިރު ދައުވާލިބޭ ފަރާތަކީ ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތެއްކަން ކަށަވަރު ކުރަންޖެހޭކަމާއި އެއީ މައްސަލަ ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ އަސާސީ ކަމެއްކަން މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އަދި ކޯޓުން މައްސަލައެއް ބެލުމުގައި ދައުވާކުރާ ފަރާތާއި ދައުވާލިބޭ ފަރާތަށް އެ ހައިސިއްޔަތު އޮތްތޯ ބެލުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ކުރިންވެސް ކަނޑައެޅިފައިވާ އުސޫލުތަކެއްކަން ފާހަގަކޮށްފައިވެ އެވެ.
ދައުލަތުގެ އިޖުރާއީ އިއުތިރާޒުގައި ބުނެފައިވަނީ، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ މަރު ކޮމިޝަނަކީ އުވިފައިވާ ކޮމިޝަނެއް ކަމަށާއި، މި ކޮމިޝަނަށް ދައުވާ ރައްދު ނުކުރެވޭނެ ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވާއިރު އިސްތިއުނާފުކޮށްފައިވާ މި މައްސަލައިގައި ބަންޑާރަނައިބުގެ ފަރާތުން ޖަވާބުދާރީވާންޖެހޭނީ ކޮން އިދާރާއެއްގެ ފަރާތުންކަން ސާފު ނުވާ ކަމަށެވެ. ދައުލަތުގެ ފަރާތުން ބުނެފައިވަނީ މަރާލާފައިވާ މީހުންނާއ،ި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނަށް ރައްދުވާ ގޮތަށް މި އިސްތިއުނާފު ކުރިއަށްނުގެންދެވޭނެ ކަމަށެވެ.
މި އިޖުރާއީ އިއުތިރާޒާ ގުޅިގެން ހައިކޯޓުން ސެޕްޓެމްބަރު 25 ގައި ގޮތެއް ނިންމާފައިވާއިރު، އެ ނިންމުން މިހާރު ވަނި ހައިކޯޓުގެ ވެބްސައިޓަށްލާފަ އެވެ. އެގޮތުން މި އިޖުރާއީ އިއުތިރާޒާ ގުޅިގެން ހައިކޯޓުން ނިންމާފައިވަނީ ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ އިޖުރާއީ އިއުތިރާޒު ބަލައިގަނެ މި މަރުހަލާގައި ގޮތެއް ކަނޑައެޅިދާނެކަމަށް ނުދެކޭ ކަމަށެވެ. އެހެންކަމުން ދައުލަތުގެ އިއުތިރާޒަކީ ބަލައިގަނެވޭނެ އިއުތިރާޒެއް ނޫންކަމަށް ކަނޑައަޅައި ނިންމާފައިވެ އެވެ.
މި މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގައިދިނުމަަށް މުއާޒު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، 26 ޖޫން 2022 އިން ފެށިގެން 21 ނޮވެމްބަރު 2023 އާ ހަމައަށް ހައްޔަރުގައި ބަހައްޓައި، ޖިނާއީ ދައުވާކޮށް އެ މުއްދަތުގައި މުއާޒް ޖަލުގައި އެކަހެރިކޮށް ބަހައްޓާފައި ހުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ. ބަދަލުހޯދުމުގެ މައްސަލައިގައި މުއާޒްގެ ފަރާތުން ދައުވާކޮށްފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި މަރު ކޮމިޝަން އަދި ފަރުދީގޮތުން ކޮމިޝަންގެ މެންބަރުން ކަމަށްވާ ފަރީޝާ އަބްދުﷲ އާއި މިސްބާހު އައްބާސް އަދި އަހްމަދު ނާޝިދުގެ ކިބައިން ބަދަލު ހޯދައި ދިނުމަށެވެ.