މަޖިލީހުން ރުހުންދިން 3 މެމްބަރުން މަޤާމަށް އައްޔަންކޮށް، މީޑިއާ ކޮމިޝަން ފުރިހަމަކޮށްފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިން ތިން މެންބަރުން މިއަދު އައްޔަންކޮށްފި އެވެ. މިއާއެކު މީޑިއާ ކޮމިޝަނުގެ ހަތް މެންބަރުން ވަނީ ފުރިހަމަވެފަ އެވެ.

މަޖިލީހުން ރުހުން ދީފައިވާ މެންބަރުންގެ ތެރޭގައި ހިމެނެނީ، ހ. ޓޫހަރޓްސްގެ މުހައްމަދު ފަރުސަތު، ދ. މީދޫ ބިއްލޫރިވިލާގެ ސަފާ ޝަފީގު އަދި ގ. ގޮފީގެ އާމިނަތު ސަރާހަތު އިއްޒަތެވެ. މި ތިން މެންބަރުންނަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި 54 މެންބަރުންގެ ތާއީދު ލިބިފައިވާއިރު، 9 މެންބަރުން ވަނީ ދެކޮޅަށް ވޯޓުދެއްވާފަ އެވެ.

އޭގެތެރެއިން ސަފާއަކީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް އަދި ސަރާހަތު އަކީ އެ ކޮމިޝަންގެ ކުރީގެ މެމްބަރު އެވެ. ފަރުޝަތާއަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ކުރީގެ މެމްބަރު އަދި މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އެވެ.

މީޑިއާ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމަށް ހުޅުވާލި ފުރުސަތުގައި ޖުމުލަ 10 ފަރާތަކުން ކުރިމަތިލާފައިވެއެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިންޓަވިއު ކުރުމަށްފަހު، 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވަނީ މި ތިން ފަރާތަށެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ބާކީ ހަތަރު މެންބަރުންގެ ގޮތުގައި ހަމަޖެހިފައިވަނީ ބްރޯޑްކާސްޓިން ދާއިރާއިން ޒަމްއަތު އަހުމަދު ވަހީދާއި އަބްދުލްއަޒީޒް އިބްރާހިމްގެ އިތުރުން، އޮންލައިން މީޑިއާގެ ދާއިރާއިން ހުސައިން ސަގީފާއި ސިމާހާ ނަސީމެވެ. މި ހަތަރު މެންބަރުން ހޮވިފައިވަނީ މީޑިއާތަކުގެ ފަރާތުން ކުރިމަތިލި މެންބަރުންގެ އަދަދު މަދުވުމުގެ ސަބަބުން އިންތިޚާބަކާ ނުލަ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާ މި ކޮމިޝަނަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. މީގެ ތެރެއިން ހަތަރު މެންބަރުން މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިޚާބަކުން އައްޔަންކުރެވޭއިރު، ތިން މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ